09 Mar 2021, 10:23
ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ހުރިހާ ގައިދީންގެ މައުލޫމާތު ހޯދައި، އަދަބ ުލުއިކޮށްދިނުމާ ގުޅޭގޮތުން ސަރުކާރަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން، ޖުޑީޝަރީ ކޮމިޓީއަށް މިއަދު އަންގައިފި އެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަށް އެންމެ ގިނަ ސިޓީތައް ލިބެނީ ފްލެޓުތަކުގެ މައްސަލައާއި ގައިދީންގެ އަދަބު ލުއިކޮށްދިނުމާ ގުޅޭގޮތުން ކަމަށެވެ.
މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ގައިދީން އިލްތިމާސް ފޯމު ހުށަހެޅުމަށް ފަހު ޖަވާބެއް ނުލިބި ލަސްވަމުން ދާކަން ފާހަގަކޮށް ޖުޑީޝަރީ ކޮމިޓީއަށް މީގެކުރިން ފޮނުވި ސިޓީތަކާ ގުޅިގެން، އެ މައްސަލަތައް ދިރާސާކުރި އެވެ. އަދި ތަޅުމުން ރިޕޯޓު ފާސްކޮށް އެ ރިޕޯޓުގައި ހުރި ހުށަހެޅުންތައް ކަމާ ގުޅޭ އިދާރާތަކާއި ރައީސް އޮފީހަށް ވެސް ފޮނުވި އެވެ.
"އެހެން ނަމަވެސް އަދިވެސް މި ފެންނަމުން މިދަނީ މިކަންކަމަށް އަމަލީ ސިފައެއް އަންނަމުން ނުދާތަން. ނުދާކަމުން އިތުރު ކަންބޮޑުވުން އެބަހުރި އެތައް ބައެއްގެ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.
އެހެންކަމުން ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ހުރިހާ ފަރާތްތަކުގެ މައުލޫމާތު ހޯދައި، ޖުޑީޝަރީ ކޮމިޓީން ފުން ދިރާސާއެއް ކުރަން ޖެހިފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.
"ޖަލުގައި ނުވަތަ ހުކުމުގައި ތިއްބެވި ހުރިހާ ފަރާތެއް ހޯއްދަވާ އެމީހުންގެ ކުށަކީ ކޮބައިތޯ، ހުކުމަކީ ކޮބައިތޯ، ވަނަވަރަކީ ކޮބައިތޯ އަފޫއާމާށް އެދިފައިވާ އިރަކީ ކޮބައިތޯ، އަދަބު ލުއިކޮށްދެވެން އެބަ އޮތްތޯ މި ކަންކަން ޖުޑީޝަރީ ކޮމިޓީން އޭގެ އެންމެ ފުންމިނަށް ދިރާސާކުރެއްވުން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.
މަޖިލިސް ރައީސް ވިދާޅުވީ ފްލެޓުތަކުގެ މައްސަލައިގައި ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ކުރާ ދިރާސާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ޖުޑީޝަރީ ކޮމިޓީން ވެސް މި ދެންނެވި މަގުން ވަޑައިގެން، އެންމެ ފުންމިނަށް އެންމް ފަހު މީހާވެސް ހޯއްދަވާފަ އޭނާ އަށް ވެސް ވެގެން އުޅޭގޮތެއް ބައްލަވާފަ، ދެން ސަރުކާރަށް ލަފައެއް އަރުވަން މި ބޭބޭފުޅުންނާ ގުޅޭގޮތުން ހެދުމަށް ނުވަތަ އަމަލުކުރަން ކޮމިޓީއާ މަޖިލިސް ދެކޭގޮތް،" މަޖިލިސް ރައީށް ވިދާޅުވި އެވެ.
ރިޔާސަތުން ވަނީ އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.