09 Mar 2021, 11:16
ވޮޝިންޓަން (މާޗް 9) : ޗައިނާގެ ކަނޑުގެ ލަޝްކަރުތައް އުޅަނދުތަކުގެ އަދަދުގެ ގޮތުން އެމެރިކާގެ ކަނޑުގެ ލަޝްކަރުތަކަށް ވުރެ އިތުރުވެއްޖެ ކަމަށާއި މިއީ އެމެރިކާ އަށް އޮތް އަސްކަރީ ގޮންޖެހުމެއް ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓެއް ބުނެފި އެވެ.
ސީއެންއެން އިން ހާމަކުރި މި ރިޕޯޓް ބުނާގޮތުން ދާދިފަހަކާ ޖެހެންދެން ވެސް ޗައިނާއޮތީ ކަނޑުގެ ލަޝްކަރުތަކުގެ އުޅަނދުތަކާއި އޭގެ ފެންވަރަށް ބަލާއިރު އެމެރިކާއަށްވުރެ މާފަހަތުގަ އެވެ. ނަމަވެސް 2020 ވަނަ އަހަރު ނިމުނު އިރު އެމެރިކާގެ ކަނޑުގެ ލަޝްކަރުތަކުގައިވާ ހަނގުރާމައިގެ ޖުމްލަ އުޅަނދުތަކަށް ވުރެ ޗައިނާގެ ކަނޑުގެ ލަޝްކަރުތަކުގެ އުޅަނދުތައް ވަނީ އިތުރުކޮށްފަ އެވެ.

އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތައް
އެމެރިކާގެ ކަނޑުގެ ބާރުތަކުގައި ހިމެނެނީ ސަބްމެރިންއާއި އާދައިގެ މަނަވަރުތަކާ އަދި މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި އެންފިބިއަސް އުޅަނދުތަކާއި އައިސް ބްރޭކާސްތަކާ އެނޫންވެސް އުޅަނދުތަކަށް ބަލާ އިރު 490 އުޅަނދެވެ. މިދިޔަ އަހަރު ނިމުނު އިރު ޗައިނާގެ އެކި ބާވަތުގެ ކަނޑުގެ އުޅަނދުތައް ވަނީ މިއަދަދަށް ވުރެ އިތުރުކޮށްފައިކަމަށް މި ރިޕޯޓް ބުނެ އެވެ. ކަނޑުގެ އުޅަނދުތަކުގެ އަދަދު އިތުރުވިނަމަވެސް މަތިންދާބޯޓު އުފުލާ މަނަވަރުތަކުގެ އަދަދަށް ބަލާ އިރު ޗައިނާ އަދި ވެސް އުޅެނީ އެމެރިކާއަށް ވުރެ ފަހަތުގަ އެވެ.
އެމެރިކާގެ ކަނޑުގެ ލަޝްކަރުތަކުގައި މަތިންދާބޯޓު އުފުލާ 11 މަނަވަރު ހިމެނޭ އިރު ޗައިނާގެ ކަނޑުގެ ލަޝްކަރުތަކުގައި ހިމެނެނީ މަތިންދާބޯޓު އުފުލާ އެންމެ ދެ މަނަވަރެވެ. ނަމަވެސް ކުރިޔަށްއޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި މަތިންދާބޯޓު އުފުލާ އިތުރު ދެމަނަވަރު ޗައިނާގެ ކަނޑުގެ ސިފައިންގެ ޚިދްމަތަށް ނެރޭނެއެވެ.
މީގެ އިތުރުން ނިއުކްލިޔާ ހަކަތަ ބޭނުންކޮށްގެން ދަތުރުކުރާ 50 އުޅަނދު އެމެރިކާގެ ކަނޑުގެ ލަޝްކަރުތަކުގައި ހިމެނޭ އިރު ޗައިނާގެ ކަނޑުގެ ލަޝްކަރުތަކުގައި އޮތީ މިބާވަތުގެ 20 އުޅަނދެވެ. ކަނޑުގެ ސިފައިންގެ އަދަދަށްބަލާއިރު ވެސް ކުޑަތަންކޮޅެއް ސިފައިންގެ އަދަދު ގިނައީ އެމެރިކާގެ ލަޝްކަރުތަކުގަ އެވެ. އެމެރިކާގެ ކަނޑުގެ ލަޝްކަރުތަކުގައި 330 ހާސް ސިފައިން ހިމެނޭ އިރު ޗައިނާގެ ކަނޑުގެ ލަޝްކަރުތަކުގައި ހިމެނެނީ 300 ހާސް ސިފައިންނެވެ.

ޗައިނާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް
ނަމަވެސް އެމެރިކާގެ ކަނޑުގެ އުޅަނދުތަކާއި ގިނަ ހަތިޔާރުތަކަކީ ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި ހަތިޔާރުތަކަށް ވުރެ މާ ބައު ތަކެތިކަމަށާއި ޗައިނާގެ ގިނަ އުޅަނދުތަކާއި ހަތިޔާރުތައް މާ އައުވެފައި ޒަމާނީ ކަމަށް މިރިޕޯޓް ބުނެ އެވެ.
ހަތިޔާރުގެ ޓެކްނޮލޮޖީއަށް ބަލާ އިރު ޗައިނާއަށް ވުރެ ކުރީގައި އަދިވެސް އުޅެނީ އެމެރިކާ އެވެ. ނަމަވެސް އިގްތިސާދު ކުރިއަރާމިންވަރަށް ބަލާއިރު ޗައިނާއަށް ވުރެ އެމެރިކާގެ އިގްތިސާދީ ދުވެލި މާބޮޑުތަން ވެސް ދަށްކަމުން މިހާރު މިއޮތްފެންވަރުގައި އެމެރިކާއަށް އެގައުމުގެ ކަނޑުގެ ބާރުތަކާއި ވައިގެ ބަރުތައް ވެސް ގިނަ އަހަރުތަކަށް ނުހިފެހެއްޓޭނެ ކަމާއި އިގްތިސާދު ދަށަށްދާ މިންވަރަށް ކަނޑާއި ވަޔާ އަދި އެއްގަމުގެ ބާރުތަކުގެ ގާބިލްކަން ވެސް ދަށްކުރަން އެމެރިކާއަށް މަޖްބޫރުވާނެ ކަމަށް މިރިޕޯޓް ބުނެ އެވެ. މިއާ އެކު މުސްތަގްބަލްގައި ކަނޑާއި އެނޫންވެސް ލަޝްކަރުތަކުގެ ބާރުގަދަވާނީ އެމެރިކާއަށްވުރެ ޗައިނާގެ ކަމަށް މިރިޕޯޓްގައި އަންދާޒާކޮށްފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ އިގްތިސާދު ވަރަށް ބޮޑަށް އަޑިއަޅާލައި އެއް ޕަސެންޓްގެ ކުރިއެރުމެއްގައި އެމެރިކާގެ އިގްތިސާދު އުޅޭތާ އަހަރެއްހާ ދުވަސްވެފައިވާ އިރު ކޮވިޑްއާއެކުވެސް ޗައިނާގެ އިގްތިސާދު ފަސް ޕަސެންޓް ރޭޓެއްގައި ކުރިޔަށް އެބަދެ އެވެ.
އަނެއްކޮޅުން ކުރިން ޗައިނާއަކީ ޓެކްނޮލޮޖީ ކޮޕީކޮށްގެން ތަކެތި އުފައްދާ ގައުމަކަށް ވިނަމަވެސް މިހާރު ޗައިނާއަކީ އެ ގައުމުގެ އަމިއްލަ އީޖާދާއި އަމިއްލަ ޓެކްނޮލޮޖީގައި ތަކެތި އުފައްދާ ގައުމެކެވެ. ޗައިނާ އިން އަހަރެއްގެ މައްޗަށް ކުރާ އައު އީޖާދުތަކަށް ވުރެ އެމެރިކާ އިން އަހަރެއްގެ މައްޗަށް ކުރާ އައު އީޖާދުތައް މިހާރު މަބޮޑުތަން ވެސް މަދެެވެ.
ކޮޕީކުރުމުގެ މަރުހަލާ ކަޑައްތުކޮށް ޗައިނާ މާބޮޑަށް ވެސް އެގައުމުގެ އަމިއްލަ ޓެކްނޮލޮޖީގައި ކުރިޔަށްދާން ފަށާފައިވާކަން ޖާސޫސީ އެހެން ރިޕޯޓްތަކުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެމެރިކާ އެދާއިރާތަކުގައި އެންމެ ބޮޑަށް ކުރިއަރާފައިވާ އޭވިއޭޝަން ދާއިރާއާއި އައިޓީ ދާއިރާ އާއި ހަތިޔާރުގެ ޓެކްނޮލޮޖީގެ ދާއިރާތަކުގައި ވެސް ޗައިނާ މިހާރު ވަނީ ފާޅުކަން ބޮޑު ގޮތެއްގައި އެމެރިކާއާ ވާދަކުރަން ވަނީ ފަށައިފަ އެވެ.
އިގްތިސާދީ ލަފާކުރުންތައް ބުނާ ގޮތުން 2025ގެ ކުރިން ޗައިނާގެ އިގްތިސާދު އެމެރިކާގެ އިގްތިސާދުގެ މައްޗަށް ކުރިހޯދައި ދުނިޔޭގެ އެއްވަނަ އިގްތިސާދުގެ މަގާމު ޗައިނާ ހޯދާނެ އެވެ. (ސީއެންއެން+ ނޫސްއެޖެންސީތައް)