08 Mar 2021, 18:14
ދިއްލީ (މާޗް 8): އިންޑިއާއިން 160އަށް ވުރެ ގިނަ ރޮހިންގާ ދަރިކޮޅުގެ މީހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ މީޑިއާތަކުގައިވާ ގޮތުން ޖައްމޫ އެންޑް ކަޝްމީރުގައި ދިރިއުޅެމުން ދިޔަ ރޮހިންގާ ރައްޔިތުންތަކެއް އެގައުމުން ހައްޔަރު ކުރަން ފެށީ އެމީހުންގެ އަތުގައި ހިޖުރަ ކުރުމާ ގުޅުން ހުރި ލިޔެކިޔުންތަކެއް ނެތުމުންނެވެ. އަދި އެމީހުން މިޔަންމާއަށް ޑީޕޯޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
"ގާނޫނާ ހިލާފަށް އެތެރެވެފައިވާ މި މީހުން ނިސްބަތް ވަނީ ކޮން ގައުމަކަށްކަން ބެލުމަށް ފަހު، އެމީހުން ޑިޕޯޓު ކުރުމަށްޓަކައި އެމީހުންގެ މައުލޫމާތު ދިއްލީގެ އެކްސްޓާނަލް އެފެއާސްއިން މިޔަންމާއަށް ފޮނުވާނެ،" ފުލުހަކު ވިދާޅުވި ކަމަށް އިންޑިއާގެ މީޑިއާތަކުގައިވެ އެވެ.
މިޔަންމާގައި އެންމެ ގިނަ އަދަދަކަށް ރޮހިންގާ މުސްލިމުން ދިރިއުޅޭ ރާހީން ސްޓޭޓުގައި 2017 ވަނަ އަހަރު އެގައުމުގެ އަސްކަރިއްޔާއިން ފެށި އަނިޔާވެރި އޮޕަރޭޝަނަކާ ގުޅިގެން އެތައް ހާސް ރޮހިންގާއިންނަށް އެގައުމު ދޫކޮށް ދާން މަޖުބޫރުވި އެވެ. އޭގެ ތެރެއިން 5،000 ވަރަކަށް ރޮހިންގާއިން ވަނީ ފާއިތުވި އަހަރުތަކުގައި ޖައްމޫއިން ހިމާޔަތް ހޯދާފަ އެވެ. އަދި އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރޮހިންގާ ރެފިއުޖީންގެ އަދަދު މިހާރު 40،000އަށް އަރަ އެވެ.
އިންޑިއާއިން ރޮހިންގާ މުސްލިމުންތަކެއް މިޔަންމާއަށް ފޮނުވާލަން މަސައްކަތް ކުރަނީ އެގައުމުގެ އަސްކަރިއްޔާއިން މިދިޔަ މަހުގެ އެކެއްގައި ބަޣާވާތްކޮށްފައި ވަނިކޮށެވެ. އަދި އެގައުމުގެ ވެރިކަމުގައި މިހާރު ހުންނެވީ ރޮހިންގާއިންނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަނުގައި އިސްކޮށް ހުންނެވި އަސްކަރިއްޔާގެ ޖެނެރަލް މިން އަންގް ލެއިންގް އެވެ.