08 Mar 2021, 13:52
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާއްސަ އުސޫލުތަކެއް ކަނޑައަޅައިދޭން ނިންމައިފި އެވެ.
އިންތިހާބަށް އެކުލަވާލި ސަންސެޓު ގާނޫނުގެ ދަށުން އެޗްޕީއޭއިން އިންތިހާބު ބާއްވާނެ ގޮތާ ބެހޭގޮތުން ގައިޑްލައިން އެކުލަވާލާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާއި ކެމްޕޭނަށް ދާ ކެންޑިޑޭޓޫން ރަށްރަށަށް ދާއިރު ކަރަންޓީނު ވާން ޖެހޭ ގޮތަށެވެ.
އާންމުކޮށް އަމަލު ކުރާ އުސޫލުގެ ތެރެއިން ކަންކަން ކުރަން އެ ގައިޑްލައިންގައި އޮންނާތީ، އިންތިހާބަށް ހާއްސަ ލުއިތަކެއް ނެތްކަން އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިންވެސް ފާހަގަކޮށްފައިވެ އެވެ. އަދި އީސީގެ މަސައްކަތަށާއި، ކެމްޕޭނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދިފައިވެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ ކެމްޕޭން ކުރުމުގައި ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން އިންތިހާބަށް ފަހު ބައެއް ފަރާތްތަކުން ކޯޓަށް ގޮސްދާނެކަމުގެ ކަންބޮޑުވުން އެ ކޮމިޝަނުން ފާޅުކުރި އެވެ.
ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުންޏަސް އެއްވެސް ފަރާތަކަށް އެޗްޕީއޭއިން ކެމްޕޭން ކުރުމަށް ފުރުސަތު ދީފައި ނޯންނާނެ ކަމަށް އެ ބައްދަލުވުމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވި އެވެ. އަދި ހަމަހަމަ ފުރުސަތު ނުދޭ ކަމަށް ބުނަނީ ކީއްވެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި އެއްވެސް ފަރާތަކަށް ކެންޑިޑޭޓެއްްގެ ގޮތުގައި ފުރުސަތުތަކެއް ދީފައެއް ނޯންނާނެ ކެމްޕޭނު ކުރުމަކަށް، އެހެން ވިދާޅުވުނީ އަޅުގަނޑަކަށް ނޭގެ ކީއްވެގެން ކަމެއް،" މައިމޫނާ ވިދާޅުވި އެވެ.
"ފުރުސަތުތައް އޮތީ މި އުސޫލުގެ ތެރެއިން ހުރިހާ ފަރާތްތަކަށްވެސް ހުުޅުވާލެވިފައޭ. [ކެމްޕޭން] ވެވޭނެ ގޮތްތަކާއި ހުރިހާ ކަންތައްތަކެއް ހުރީ ކަނޑައެޅިފައޭ. އެހެންވީމަ، ފުރުސަތު މިހާރުވެސް އަޅުގަނޑު ދެކޭ ގޮތުގައި ހުޅުވާލެވިފައި މިހުރީ. އެހެންނަމަވެސް، ރައްކާތެރިކަމުގައި އެޅިފައި މިހިރަ ފިޔަވަޅުތަކާ އެކީގައި ކުރިއަށްގެންދެވޭ ގޮތަށް،"
އޭނާ ފާހަަގަ ކުރެއްވީ، މިހާރު އޮތް ގައިޑްލައިނަކީ ބަލި ނުފެތުރޭނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އިންތިހާބުތައް ބާއްވާނެ ގޮތުގެ އުސޫލެއްކަން ކަމެވެ. އާންމު އުސޫލާ ތަފާތުކޮށް ބޮޑެތި ލުއިތަކެއް ދީފި ނަމަ ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް މައިމޫނާ ވިދާޅުވި އެވެ. އުސޫލު އެކުލަވާލީ އެކަމަށް ރިއާއަތްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ، މިހާރު އޮތް އުސޫލުގެ ދަށުން ވެރިކަން ކުރާ ޕާޓީގެ އެމްޕީންނަށް ފަސޭހަކަމާއެކު އަތޮޅު ތެރެއަށް ދަތުރު ކުރެވޭ ކަމަށެވެ. ނަމަވެސް، ސަރުކާރަށް ނިސްބަތް ނުވާ މެމްބަރުންނަށް އެކަމުގައި ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް އެކަން ހިނގާ ނަމަ އިންތިހާބު އިންސާފުވެރިކަމާއެކު ހިނގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) ވަނީ ކެމްޕޭން ކުރުމުގައި ހަމަހަމަ ފުރުސަތު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ބުނުން ސާފުކޮށްދޭން އެދިވަޑައިގެންފަ އެވެ. އޭނާ ފާހަގަ ކުރެއްވީ ސަރުކާރު ހިންގާ އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން އޮންލައިންކޮށް ކުރަމުންދާ ކަމެވެ. އެހެންކަމުން، ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނާ ސަބަބު ސާފުކޮށްދެއްވަން އޭނާ އެދިވަޑައިގަތެވެ.
"ރައްޔިތުންގެ ތެރޭގައި ޑައުޓު އުފެދޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ވާހަކަ ދައްކަވާކަން އަޅުގަނޑަށް ފާހަގަކުރެވޭ. އަޅުގަނޑު އިލްތިމާސް ކުރަން މި ދަނޑިވަޅުގައި ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަފުޅު ނުދައްކަވަން،" ހަލީމް ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ، ކެމްޕޭނަށް ފުރުސަތު ދިނުމުގައި ތަފާތު ކުރާ ކަމަށެވެ. އެގޮތުން ފެނަކައިގެ އެމްޑީއާއި ދެ އެމްޕީއަކު ތ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން ރަށްތަކަށް ދަތުރު ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ބައެއް މެމްބަރުން އެވޯޑު ދޭންވެސް ރަށްރަށަށް ގޮސްފައި އެބަ ހުރި ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، ރަށަށް ކެމްޕޭނަށް ދާން އޭނާ އެދިވަޑައިގަތުމުން، ރަށަށް ގޮސް 10 ދުވަސް ކަރަންޓީނުވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އެއީ ތަފާތު ކުރުން ކަމަށް ވިދާޅުވި އެވެ.
"ހަމަހަމައެއް ނޫން. ގަބޫލު ކުރައްވާ. އަޅުގަނޑުމެންނަށްވެސް އެ ފުރުސަތު ދެއްވާ. އަޅުގަނޑުމެންވެސް ބޭނުން ދާއިރާގެ ރަށްތަކަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް ތިބޭފުޅުން ވިދާޅުވާ އުސޫލެއްގެ މަތިން އަޅުގަނޑުމެން އެކަން ކުރަން ބޭނުންވޭ،" ރިޒާ ވިދާޅުވި އެވެ.
މުގައްރިރު ރޮޒައިނާވެސް ވަނީ އެޗްޕީއޭގެ ގައިޑްލައިނުގައި އިންތިހާބަށް ހާއްސަ ލުއިތަކެއް ދީފައި ނުވާކަން ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި، އީސީގެ މުވައްޒަފުންނަށް ބޭނުންވާ ލުއިތަކާއި ކެމްޕޭނަށް ކެންޑިޑޭޓުންނަށް ބޭނުންވާ ލުއި ހިމެނެ އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ ފަރާތްތަކަށް ތަންތަނަށް ދާން ހުއްދަ ދެވޭ ނަމަ ކެންޑިޑޭޓުންނަށްވެސް ތަންތަނަށް ގޮސް އުޅުމުގެ ހުއްދަ ދެވެން ޖެހޭ ކަމަށެވެ. އަތޮޅު ކައުންސިލަށް ކުރިމަތިލައްވާ ބޭފުޅުންވެސް ދަތުރުކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތަށް އެކަންކަން ކުރެވޭނެ ގޮތްތަކެއް އެޗްޕީއޭއިން ކަނޑައަޅައިދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
"ކެމްޕޭން ހަރަކާތްތައް ހިންގޭނެ ކަހަލަ ގައިޑްލައިނެއް ތިބޭފުޅުން ތައްޔާރު ކޮށްދެއްވަން އަޅުގަނޑަށް ހީވަނީ މި ހާލަތުގައި އެބަ ޖެހިވަޑައިގަންނަވާހެން،" ރޮޒައިނާ ވިދާޅުވި އެވެ.
މިހާރު އޮތް އުސޫލުގެ ބަދަލުގައި އެހެން ގޮތެއް ހަމަޖައްސައިދިނުމަކީ ކޮމިޓީއިން އެދޭ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އީސީގެ ކަންބޮޑުވުންތައް ބަލައިގަނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި [މިހާރު އޮތް] އުސޫލުގައި ހަމަ ސްޓްރިކްޓްލީ ހިފެހެއްޓުމަކީ އަޅުގަނޑަށް ހިއެއް ނުވޭ ކޮމިޓީގެ މެމްބަރުންނަށްވެސް ބަލައިގަނެވޭ ހެންނެއް،"
އީސީއާ އެޗްޕީއޭ ގުޅިގެން ލުއިތަކާއެކު އުސޫލެއް އެކުލަވާލައި އެ އުސޫލެއް މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ކޮމިޓީއާ ހިއްސާ ކުރަން ރޮޒައިނާ އެންގެވި އެވެ.
"އިލެކްޝަންސް ބޭއްވުމަކީ އަޅުގަނޑުމެން އެންމެން ނަގާ ރިސްކެއް. މިކަން ރިސްކު ނުނަގައި އަޅުގަނޑުމެންނަށް ވާކަށް ނެތް،"
އެޗްޕީއޭގެ ފަރާތުން މައިމޫނާ ވިދާޅުވީ، އިންތިހާބަށް ހާއްސަ ގޮތްތަކެއް ހަމަޖެހޭތޯ ބަައްލަވާނެ ކަމަށެވެ.
އީސީއިން ކައުންސިިލް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އޭޕްރިލް 10 ވަނަ ދުވަހު އެވެ. މިހާރު ބައެއް ޕާޓީތަކުން ވަނީ ރަސްމީކޮށް އެ އިންތިހާބަށް ކެމްޕޭން ފައްޓާފަ އެވެ.