03 Feb 2012, 14:24
ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދު ގާނޫނު އަސާސީގެ ކުރިމަތީގައި ކުޑަކަކޫޖަހައި ރައްޔިތުންގެ ކިބައިން މައާފަށް ނޭދެނީސް މިހާރު މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާ ހުއްޓައިނުލާނެ ކަމުގެ އިންޒާރު އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ ރޭ ދެއްވައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ދޫކޮށްލުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރި މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ މުޒާހަރާތައް ހުއްޓާލުމަށް ދެގޮތެއް އޮތްކަމަށާއި އޭގެ ތެރެއިން އެއްގޮތަކީ ރައީސް ނަޝީދު ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ކިބައިން މައާފަށް އެދުން ނުވަތަ ރައީސް ނަޝީދު ހިންގަވާފައިވާ ޖަރީމާތައް ބަލައި ސިފައިން ނުކުމެ އެމަނިކުފާނު ހައްޔަރުކުރުމުން ކަމަށެވެ.
"ގާނޫނު އަސާސީގެ ކުރިމަތީގައި، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ކުޑަކަކޫ ނުޖަހައިފިއްޔާ، ކެނެރީގޭ މުހަންމަދު ނަޝީދު ހައްޔަރު ނުކޮށްފިއްޔާ ދެން މާފެއް ނުކުރާނެ. އެހެން ވީމާ މި ދަންނަވަނީ ތިޔަ ބޭފުޅުން ނިންމާ ގޮތަކަށް ނިންމާށޭ. ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި މުހަންމަދު ނަޝީދު ހައްޔަރުކޮށްދޭށޭ. އަލްފާޟިލް މުހައްމަދު ނަޝީދަކީ ދިވެހި ރާއްޖޭގައި މިހާތަނަށް މިފަހުގެ ތާރީހެއްގައި ވެރިއަކު ނުކުރާ ފަދަ ބޮޑެތި ޖަރީމާތައް ހިންގަވާފައިވާ ވެރިއެއް. ދިވެހި ރާއްޖޭގެ ތާރީހުގައި ގައުމެއްގެ މުޅި ޖުޑީޝަރީ ފުނޑާލައި މުޅި ޖުޑީޝަރީގެ ބާރު ދުއްވާލި،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު އަންގަވައިގެން ޣައިރު ގާނޫނީ އަމުރު ތަންފީޒުކުރުމަށް ސިފައިން ނަށް އަމުރުކުރާ އޮފިސަރުންނަކީ މޭޖަ ޖެނެރަލް އިބްރާހިމް ދީދީ އާއި ކާނަލް މުހަންމަދު ޒިޔާދު އާއި ނަސްރުﷲ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެތިން އޮފިސަރުންގެ މައްޗަށް ކުރާ ދައުވާ މައާފުކުރެވޭނެ ހަމައެކަނި ގޮތަކީ އެތިން އޮފިސަރުން އިސްވެ ތިއްބަވައިގެން ރައީސް ނަޝީދު ހައްޔަރުކުރުން ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖުމޫހުރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ކޯޓުތަކުގެ ފަނޑިޔާރުން ކުރެއްވި ހުވަޔަކީ ރަނގަޅު ހުވަޔެއް ނޫން ކަމަށް ބުނެ، ކޯޓްތަކުން ކުރާ އަމުރުތަކަށް ތަބާނުވާނެ ކަމަށް ސަރުކާރުން ބުނާ ނަމަ ރައީސް ނަޝީދު ވެރިކަމުގައި ހުންނެވީ ވެސް ރަނގަޅު ހުވައެއް ކުރައްވައިގެން ނޫން ކަމަށާއި މިހާރުން މިހާރަށް ނަޝީދު އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.
"މިހާރުން މިހާރަށް އިސްތިއުފާ ދެއްވާށޭ. ކަލޭތީ ]ރައީސް ނަޝީދު[ ޣައިރު ގާނޫނީ ވެރިއެކޭ. ފައިބާށޭ. ފައިބާށޭ. ހަމަ މިހާރު ފައިބާށޭ އެއްގޮތަކަށް ވެސް ޝަރުތެއް ފުރިހަމައެއް ނުވޭ. ހަގީގަތް ބައްލަވާލާށޭ. ރައީސް ކަމުގެ ހުވާ ކުރަން ޖެހޭނީ އުއްތަމަ ފަނޑިޔާރުގެ ކުރިމަތީގައި ކަމަށް ގާނޫނު އަސާސީގައި އޮންނާނެ. އެކަމަކު ހުވާކުރެއްވި އިރު އުއްތަމަ ފަނޑިޔާރަކު ނުހުންނާނެ،" ގާސިމް ވިދާޅުވި އެވެ.
ރޭ ގާސިމް ވަނީ ރަޢީސް ނަޝީދު ވެރިކަމުން ފައިބައިވަޑައިގަތުމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދަށް ނިސްބަތްކުރައްވައި ގާސިމް ވިދާޅުވީ "ކަލޭމެންގެ" އުސޫލަކީ އަބަދު އަބަދު ރައްޔިތުންނަށް އޮޅުވާލުން ކަމަށާއި ގާނުނަށް ހިޔާނަތްތެރިވެފައި ވުމުން އެކަމުގެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް ކުރެވޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ކޯޓުތައް ފުނޑާލަން ދޫކޮށްނުލައްވާނެ ކަމަށާއި ކޮންމެ ރެއަކު ކުރާ މުޒާހަރާތަކުގައި މުޅި ރާއްޖޭގެ ރައްޔިތުން ނުކުމެ ޝަރުއީ ދާއިރާގެ މައްޗަށް ސަރުކާރުން އަތްގަދަ ކުރަން އުޅޭ އުޅުން ހުރިހާ ރައްޔިތުން ވެގެން ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ.