08 Mar 2021, 12:09
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެޑައިރެކްޓާ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމަށް އަލްއުސްތާޒާ އާއިޝަތު ސަމާހު އައްޔަނު ކުރައްވައިފިއެވެ.
ސަމާހު ވަނީ ބޭންކުގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓު ގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވައިފަ އެވެ.
އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ސަމާހު ހުންނެވީ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގައެވެ.
މީގެ އިތުރުން 2009 ވަނަ އަހަރުން ފެށިގެން ސަމާހު އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވަމުންނެވެ.
ބޭންކިން އަދި ގާނޫނީ ދާއިރާގެ ތައުލީމާއި ތަޖުރިބާއާ އެކު ސަމާހު ވަނީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތައް ހިފެހެއްޓެވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައި ކަމަށް ބޭންކުން ބުންޏެވެ.
އާ މަގާމަށް އައްޔަނު ކުރެވުނު ނަމަވެސް ކޮމްޕެނީ ސެކްރެޓަރީގެ މަގާމުގައި އޭނާ ދެމިހުންނަވާނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ ޑައިރެކްޓާ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމަށް އައްޔަނު ކުރި ސަމާހު ބޭންކުގެ އެގްޒެކްޓިވް ޓީމާ ގުޅިވަޑައިގެންނެވުމުން މަރުހަބާ ދަންނަވައިފައެވެ.
"ސަމާހު ފަދަ ތަޖުރިބާ ހޯއްދަވާފައިވާ ދިވެހި ބޭފުޅަކު އާމަގާމަކާއެކު ބޭންކުގެ ލީޑަރޝިޕް ޓީމަށް އައްޔަންކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމެއް. ސަމާހު އަށް އިތުރު ކާމިޔާބީއަށް އެދެން." ސޯޔާ ވިދާޅުވިއެވެ.
ބޭންކުގެ އޮނިގަނޑަށް ގެނެވުނު އިތުރު ބަދަލުތައްވެސް މިއަދު ވަނީ އާންމުކޮށްފައެވެ.
އެގޮތުން ބޭންކުގެ ޑިޖިޓަލައިޒޭޝަން ސްޓެރެޓެޖީއާ އެއް ގޮތަށް މަސައްކަތް ބައްޓަންކުރުމުގެ ގޮތުން ކާޑްސް އެންޑް ޑިޖިޓަލް ބޭންކިން ވަނީ އަލަށް އެކުލަވާލެވުނު ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ ޑިވިޝަންގެ ދަށަށް ބަދަލު ކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މީގެ އިތުުރުން ބޭންކުގެ ޗީފް ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމަށް ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ. އެ މަގާމަށް އައްޔަނު ކޮށްފައިވަނީ މަރިޔަމް ހަމީދު އެވެ. މީގެ ކުރިން މަރިޔަމް ހުންނެވީ ހެޑް އޮފް ސެންޓްރަލައިޒްޑް ސާވިސަސްގެ މަގާމުގައެވެ.
މިއާއެކު ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ 99 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.