08 Mar 2021, 12:00
ކޮމިޓީތަކުގެ ބިލުގެ މަސައްކަތް ސުންގަޑިއަށް ނުނިމޭތީ ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން އެޖެންޑާ އިއުލާން ކުރައްވައި، ރައީސް ނަޝިދު ވިދާޅުވީ، ކޮމިޓީތަކުން ބިލުތަކުގެ ސުންގަޑިއަށް ބަދަލު ގެންނަމުން ދާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ.
"ހަގީގަތުގައި ސުންގަޑީގެ މާނައަކީ، ސުންގަނޑި. ދެން ސުންގަޑިވެފައި، އަނެއްކާ އޭގެ މައިނަސްއަކަށް ސުންގަޑި ދާނެ ގޮތެއް ގަވައިދު ބުނާގޮތުން އަޅުގަނޑަކަށް ނުވިސްނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އެދިވަޑައިގެންނެވީ ސުންގަޑީގެ ކުރިން ކޮމިޓީގެ މަސައްކަތްތައް ނިންމުމަށެވެ.
"ކޮމިޓީތަކުގެ އިއްޒަތްތެރި މެމްބަރުން ވަރަށް ބޮޑަށް ބައްލަވައިދެއްވުން އެދެން ސުންގަޑީގެ ފަހަތައް ނުދާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސުންގަޑި ބަދަލުވާ ބިލެއްގެ ގޮތުގައި ޖަމިއްޔާތަކުގެ ބިލު ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.
މީގެ ކުރިން ރައީސް ނަޝީދު ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ނުފޮނުވާތީ، މަޖިލީހުގެ މަސައްކަތްތައް މަދުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުން ބުނާ ގޮތުން މިހާރުވެސް ފަސް ބިލެއް ވަނީ މަޖިލީހަށް ހުށަހަޅަން އެމްޑީޕީއާ ހަވާލުކޮށްފައި ކަމަށް ރައީސް އޮފީޖހުން ބުނެފައިވެ އެވެ.