ކުއާލަލަންޕޫރު (ފެބްރުއަރީ 3) : އެމެރިކާ އިން މެލޭޝިޔާގެ ތިން މީހުން ގުއަންޓެނާމޯ ޖަލުގައި ހައްޔަރުކޮށްގެން އުޅޭ މައްސަލާގައި އެމެރިކާގެ އިންސާނީ ޙައްޤުތަކުގެ ރެކޯޑަށް މެލޭޝިޔާ ފާޑުކިޔައިފި އެވެ.

މެލޭޝިޔާގެ ދާޚިލީ ވަޒީރު ހިޝާމުއްދީން ޙުސައިން ވިދާޅުވީ އެމެރިކާ އަކީ ފުޅާދާއިރާއެއްގައި އިންސާނީ ހައްޤުތަކަށް އަރައިގަންނަމުންދާ ޤައުމެއް ކަމަށާއި އެމެރިކާ، ގުއަންޓެނާމޯ ޖަލުގައި ޝަރީޢަތަކާނުލައި އެތައްސަތޭކަ ބަޔަކު ހައްޔަރުކޮށް އެމީހުންނަށް އަނިޔާކުރުމުން ގެންދިޔުމަކީ މިކަމުގެ ހެއްކެތް ކަމުގަ އެވެ.

އެމެރިކާ އިން މެލޭޝިޔާގެ ތިން މީހަކު ގުއަންޓެނާމޯ ޖަލުގައި ހައްޔަރުކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ. އެ ތިން މީހުންގެ މައްޗަށް ރަސްމީ ސިފައެއްގައި އެއްވެސް ތުހުމަތެއް އެމެރިކާ ސަރުކާރުން ކޮށްފައިނުވާ އިރު ޝަރީޢަތަކާނުލައި ހައްޔަރުކޮށް އެމީހުން ގެންގުޅެނީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ހުރިހާ މުޢަހަދާތަކާއި ޤާނޫނުތަކާ ޚިލާފަށް ކަމަށް ހިޝާމް ވިދާޅުވި އެވެ.

ގުއަންޓެނަމޯ ޖަލުގެ މައްސަލާގަ އާއި ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގާފައިވާ އިންސާނިއްޔަތާޚިލާފު ޖަރީމާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އެމެރިކާ އަގުވެއްޓިފައިވެ އެވެ. އަދި އެމެރިކާގެ އިންސާނީ ހައްޤުތަކުގެ ރެކޯޑަށް ބައިނަލްއަޤްވާމީ އިދާރާތަކުންނާއި ދުނިޔޭގެ ޤައުމުތަކުން ފާޑުކިޔުމަކީ މިހާރު ވަރަށް ޢާންމުކަމެކެވެ.
ކުރިން އެމެރިކާ ސިފަކުރެވިފައި ވަނީ އިންސާނީ ހައްޤުތަކުގައި ދުނިޔެއަށް ނަމޫނާ ދައްކައިދޭ ޤައުމެއްގެ ގޮތުގައި ކަމަށްވިޔަސް ޓެރަރިޒަމާ އިދިކޮޅު ނަމުގައި އެމެރިކާ ފަށާފައިވާ އަނިޔާވެރި ޢަމަލުތަކާއި ހަނގުރާމަތަކުގެ ސަބަބުން މިކަންވަނީ އަނެއްކޮޅަށް ޖެހިފަ އެވެ. (އަލްޢާލަމް)