ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއާ ވާދަކުރަން ނުކުމެ ތިބީ، ލާމަރުކަޒީ ނިޒާމު ކަފުންކުރަން ބޮކަރު ކާފޫރު ހިއްޕަވައިގެން ތިބި ބައެއް ކަމަށް އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި "ރަށްވެހި ފަތިސް" ކެމްޕޭނު ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް ފާޑުވިދާޅުވެފަ އެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ނަޝީދު އެފަދައިން ވިދާޅުވީ، އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވެސް އެންމެ ފާހަގަކޮށްލަން ބޭނުންވާނެ ވާހަކަ ކަމަށް ވިދާޅުވަމުންނެވެ.

"އަޅުގަނޑުމެންނާ ވާދަމިކުރަނީ ލާމަރުކަޒީ މުޅި ނިޒާމު ކަފުންކުރުމަށް ބޮކަރު ކާފޫރު ހިއްޕަވައިގެން ތިއްބެވި ބޭފުޅުންނާ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެއަށްފަހު ދެން އެމަނިކުފާނު ވަނީ ޑރ. މުއިއްޒު އަށް ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ ޑރ. މުއިއްޒުއަކީ މާލޭގެ ހަތަރު އަވަށަށް ސަރުދާރުން ލައިގެން ހިންގި 100 އަހަރުގައި ވެސް މާލޭގެ ހިންގުމަށް ނުދޭހާ ބޮޑު ގެއްލުން ދީފައި ހުންނެވި ވަޒީރެއް ކަމަށެވެ.

މިއީ މުއިއްޒު އަށް ރައީސް ނަޝީދު ފާޑުވިދާޅުވި ފުރަތަމަ ފަހަރެއް ނޫނެވެ. އަދި ފަހަކަށް އައިސް އެމްޑީޕީ މެމްބަރުން އަންނަނީ ސީދާ މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސޯޝަލް މީޑިއާގައި ވެސް ވާހަކަ ދައްކަމުންނެވެ. އެކަން އިދިކޮޅުން ސިފަކުރަނީ އެންޓި ކެޕްމޭން ކުރުން ކަމަށެވެ. އަދި އެމްޑީޕީން މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުގެ ރަނގަޅު ވާހަކަ ދެއްކުމުގެ ބަދަލުގައި އިދިކޮޅު ކެންޑިޑޭޓުގެ ގޯސް ވާހަކަ ދައްކަނީ އިންތިހާބުން ބަލިވެދާނެ ކަމުގެ ބިރު ހީވާތީތޯ ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.