ރާއްޖެއިން މިއަދު އިތުރު 131 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކުރި ނަންބަރުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 92 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 10 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 29 މީހުންނެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ ޖުމުލަ އަދަދު 20،794 އަށް ވަނީ އަރާފަ އެވެ.

މިހާރު ހުރި އެކްޓިވް ކޭސްތަކުގެ އަދަދަކީ 2599 އެވެ. އޭގެ ތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދަނީ 166 މީހުންނަށެވެ.

މިއަދު 145 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 18،124 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 64 މީހުން ވަނީ މަރުވެފަ އެވެ.

ވެކްސިންގެ ނަންބަރުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ޖުމުލަ 151،653 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 89،093 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 62،550 މީހުންނެވެ.