03 Feb 2012, 13:42
ވޮޝިންގޓަން (ފެބްރުއަރީ 3) : އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުން ގެންދާ ހަނގުރާމަ އަންނަ އަހަރު ތެރޭގައި ނިންމާލުމަށް ރާވާފައިވާ ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ ވިދާޅުވެއްޖެ އެވެ.
ޔޫރަޕަށް ކުރައްވާ ދަތުރުފުޅެއްގައި މަތިންދާބޯޓުގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޕެނެޓާ ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ހަމަޖެިހިފައި ވަނީ 2014 ވަނަ އަހަރު ކަމަށާއި ނަމަވެސް 2013 ވަނަ އަހަރު ހަނގުރާމަ ނިމުމަކަށް ގެނަސް އަފްޣާނިސްތާނުގެ ސަލާމަތީ ކަންތައްތައް އެޤައުމުގެ ސިފައިންނާ ޙަވާލުކުރަން ރާވާފައިވާ ކަމުގަ އެވެ.
"ދެހާސް ތިން ވަނަ އަހަރު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަހު އެމެރިކާގެ މަސައްކަތަކަށް ވާނީ އަފްޣާން ސިފައިން ތަމްރީން ކުރުމާއި އެމީހުންނަށް ފަންނީ އެހީތެރިކަމާއި މަޝްވަރާ ދިނުން" ޕެނެޓާ ވިދާޅުވި އެވެ. އެމެރިކާ މިހާރު ވެސް ގެންދަނީ އަފްޣާނިސްތާނުން ފޭބުމަށްޓަކައި ސިފައިން ގެ ޢަދަދު މަދުކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި 2013 ވަނައަހަރާ ހަމައަށްދާއިރު އަފްޣާނިސްތާނުގެ ސަލާމަތީ ކަންކަންތައްތަކުގެ ބޮޑުބައި އަދާކުރާނީ އަފްޣާން ސިފައިން ކަމަށް ޕެނެޓާ ވިދާޅުވި އެވެ.
އެމެރިކާ މިހާރު ގެންދަނީ މިކަމަށް މަގުފަހިކުރުމަށްޓަކައި ތާލިބާނުންނާ އެކު ސުލްޙައިގެ ވާހަކަތައް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ތާލިބާނުން ވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ނުފައިބަނީސް އެމެރިކާއާ ވާހަކަދެއްކުމުގެ ވިސްނުމެއްނެތް ކަމަށް ބުނެފަ އެވެ.
ޕެނެޓާ ޔޫރަޕަށް ވަޑައިގަންނަވަނީ ބްރަސަލްސްގައި ބާއްވާ ނޭޓޯގެ ދިފާއީ ވަޒީރުންގެ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. (އަލްޖަޒީރާ)