ދިވެހީންނަށް ފަސޭހަކޮށްދިނުމަށް އޮންލައިންކޮށް އިންޑިއާ ވިސާއަށް އެދެވޭ ގޮތް ހަދައިފި އެވެ.

ރާއްޖެއިން އިންޑިއާ އަށް ދާ ދިވެހިންނަށް ވިސާ ފޯމު ހުށަހެޅުމުގައި ދިމާވާ މައްސަލަ އަށް އަވަސް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ގިނަ އަދަދެއްގެ ދިވެހިން އިންޑިއާ އަށް ބޭސް ފަރުވާއަށް ދާއިރު، ވިސާ ފޯމު ހުށަހެޅުމަށް ރޭގަނޑު 9:00 ގެ ފަހުން އިންޑިއާ ހައިކޮމިޝަން ކައިރީ ކިޔުހަދައިގެން ތިބޭ މައްސަލަ ފެންމަތިވި އެވެ.

އެއާއެކު މެޑިކަލް ވިސާއަށް ފޯމް ހުށަހަޅާާ ފަރާތްތަކަށް ޓޯކެން ސިސްޓަމް ސްޓްރީމްލައިންކޮށް ވިސާ ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ހައިކޮމިޝަނުން ފެށި އެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވިސާ އަށް އެދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ނިޒާމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން، އޮންލައިންކޮށް ވިސާއެޕްލިކޭޝަން ފޯމު ފުރުމަށްފަހު،އެޕޮއިންޓްމަންޓް ބުކް ކުރެވޭނެ އެވެ.

މި ބަދަލާއެކު ހޮޓްލައިން ނަންބަރު މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެދުން ވަނީ ހުއްޓާލައިފަ އެވެ. އަދި ހައިކޮމިޝަނުން ޓޯކަން ދޫކުރުން ވެސް ވަނީ ހުއްޓާލައިފަ އެވެ.

ކޮވިޑް19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތްް ނަަމަވެސް އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން ޖޫން 2020 އިން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އޭގެ ފަހުން 5000 މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށާއި، 2021ގެ މިހާތަނަށް ވެސް 2000 މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.