ޕޯޓް މޮރިސްބީ (ފެބްރުއަރީ 3) : 350 ފަސިންޖަރުންނާއި 12 ފަޅުވެރިންނާ އެކު ދަތުރުކުރި ޕަޕުއާ ނިއުގިނީގެ ފެރީއެއް ޕެސިފކް ކަނޑަށް ބަންޑުންޖަހާލުމުގެ ސަބަބުން 150 ވަރަކަށް މީހުން ގެއްލިއްޖެ އެވެ.

ޕެސިފިކް ކަނޑުގެ ޤައުމެއް ކަމަށްވާ ޕައުއާނިއުގިނީގެ ސަރުކާރުން ބުނީ މި ފެރީ ބަންޑުންޖަހާލީ އެ ޤައުމުގެ އުތުރު އައްސޭރިފަށުން 16 ކިލޯމީޓަރު ބޭރަށް ކަމުގަ އެވެ. ގަދަވަޔާ އެކު އުފެދުނު ބިޔަ ރާޅޫތަކަކާ ގުޅިގެން އިއްޔެ ބަންޑުންޖަހާލި ފެރީން ގެއްލިފައިވާ މީހުން ސަލާމަތްކުރުމުގައި މައިގަނޑު ގޮތެއްގައި އެހީތެރިވެދެނީ އަވަށްޓެރި އޮސްޓްރޭލިޔާއިންނެވެ.

މީހުން ސަލާމަތް ކުރުމަށާއި ގެއްލިފައިވާ މީހުން ހޯދުމަށް ވައިގެ މަގުންނާއި ކަނޑުގެމަގުން އޮސްޓްރޭލިޔާގެ ބޯޓުތައް ގެންދަނީ މަސައްކަތް ކުރަމުންނެވެ. ބާވީސް އަހަރުވެފައިވާ އެމްވީ ރަބުއަލް ކްއީން ނަމަކަށްކިޔާ މިފެރީއަކީ ޖަޕާނުގައި ބަނދެފައިވާ ފެރީބޯޓެކެވެ.

ބާރަ ފަޅުވެރިންނާއި 350 ފަސިންޖަރުންނާ އެކު ދަތުރުކުރި މި ފެރީގެ ފަސިންޖަރުންގެ ތެރެއިން މިހާތަނަށް ސަލާމަތްކުރެވިފައިވަނީ 200 މީހުންނެވެ. އެހެންމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށާއި ދިރިތިއްބާ މީހުން ފެނުމުގެ އުންމީދު ކުޑަވެފައިވާ ކަމަށް އޮސްޓްރޭލިޔާ ސަރުކާރުން ބުނެއެވެ. (ނޫސްއެޖެންސީތައް)