ދަތުރު ކުރަން ލުއި ލިބެނެހެން ރާއްޖޭގައި ވެކްސިން ޕާސްޕޯޓު ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ރޭ ވިދާޅުވީ އެމަނިކުފާނުގެ އިލްތިމާސް އަކީ ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުން ކަމަށެވެ.

"ވެކްސިން ޖެހިމާ، ދެން އަޅުގަނޑުމެންނަށް ވެކސްސިން ޕާސްޕޯޓާ އެކީގައި ދަތުރު ކުުރެވެނެ ހުރިހާ ތަނަކަށްވެސް،" މިނިސްޓަރު ވިދާޅުވިއެ ވެ.

މިނިސްޓަރު ވިދާޅުވީ ވެކްސިން ޖެހުމަށްފަހު ރާއްޖެއާއި ރާއްޖޭގެ ބޭރަށް ދަތުރު ކުރަންވެސް ލުއި ލިބޭނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް 3-4 މަސް ތެރޭ އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އަޅުގަނޑުގެ އެދުމަކީ ހުރިހާ ބޭފުޅުންވެސް ވެެކްސިން ޖެއްސެވުން. ވެކްސިން ނުޖެއްސެވިއްޔާ ދަތިތަކެއްވެސް ދިމާވާނެ. ވެކްސިން ނުޖަހާ ދަތުރު ކުރަންވެސް އުނދަގޫ ވާނެ،" މިނިސްޓަރު ވިދާޅުވީ ވެކްސިން ޕާސްޕޯޓު ތައާރަފު ކުރަނީ މި ހުރިހާ ކަމަކަށްވެސް ވިސްނާފައި ކަމަށެވެ.

"ވެކްސިން ޕާސްޕޯޓެއް ހެދުމަށް މިހާރު ބަލަމުން މިގެންދަނީ. ވެކްސިން ޕާސްޕޯޓު އޮންނަ ނަމަ، ރާއްޖެއިން ބޭރަށް ދަތުރު ކުރުމާ، ރާއްޖޭގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގަައި ދަތިތަކެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް19 އިން ދިފާއުވުމަށް ވެކްސިން ޖަހަން ފެށީ ފެބްރުއަރީ އެއްވަނަ ދުވަހުއެވެ. އިއްޔެ އާއި ހަމައަށް 145،768 މީހުން ކޮވިޑް19ގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. ދެވަނަ ޑޯޒް ޖަހާނިފުރަތަމަ ޑޯޒްގެ އަށް ހަފްތާ ފަހުންނެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިިން އެވެ. އިންޑިއާ އިން ވަނީ އެ ވެކްސިނުގެ ދެލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ސަރުކާރުންވެސް ވަނީ ވެކްސިން ގެނައުމަށް އެސްޓްރަޒެެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލައިފައެވެ. ކޮވެކްސް ފެސިލިޓީގެ ދަށުންވެސް ރާއްޖެއަށް ވެކްސިން ލިބޭނެއެވެ.