03 Feb 2012, 13:32
ދައުލަތުގެ ތިން ބާރުގެތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއްބާރު ކަމުގައިވާ ޝަރުއީ ދާއިރާ އޮތީ ނުކުޅެދޭ ހާލަތެއްގައި ކަމަށް ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ މިއަދުގެ ރޭޑިޔޯ ހިތާބުގައި ވިދާޅުވީ ވެރިކަމުގެ ތިންބާރު ވަކިވެ، މިނިވަންވެފައިވީ ނަމަވެސް ޢަދުލުއިންޞާފް ޤާއިމު ކުރުމުގެ ބާރު އަދިވެސް އޮތީ ވަކިގޮތަކަށް ސީދާ ރައްޔިތުންގެ ޙިއްޞާނުވާގޮތަށް، ކުރީގައި ވެސް ބައްޓަންކޮށްފައިވާ ގޮތަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ޝަރުއީ ދާއިރާ މިނިވަންނުކޮށް އެކަމާ މެދު ފިޔަވަޅު ނާޅާ ހުންނެވިދާނެ ވަރަށް ވުރެ އެއީ މާބޮޑު ޤައުމީ މައްސަލައެއް ކަމަށާއި ސަރުކާރުން އެކަމާ މެދު ފިޔަވަޅު އަޅުއްވަން ފެށްޓެވުމާ އެކު، މަދު ބައެއްގެ ޙީލަތްތެރި ރޭވުމެއްގެ ދަށުން މިއަދު ރާއްޖޭގެ ވެރިކަމުގެ އަމާންކަން ގެއްލެން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މާލޭގައި ރޭގަނޑު ހިންގަމުންގެންދާ މުޒާހާރާކުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަން ހީނަރުވަމުންދާތީ، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ މަގްސުދުތަކެއް ޙާޞިލް ކުރުމުގެ ބޭނުމުގައި، މަދުބަޔަކު ތަންތަނަށް އެއްވެ، ވަރަށް ގިނަ ރައްޔިތުންތަކަކަށް ގޯނާކޮށް، އުނދަގޫވާ ގޮތަށް ކަންކަން ކުރަމުން ގެންދާތީ، އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެފަދަ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅުއްވައި، މާލޭގެ އަމަންއަމާންކަން ހޯއްދަވައި ދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ފާހަގަކުރެއްވި ގޮތުގައި މިއަދުގެ ސަރުކާރުގެ އެންމެހާ ސިޔާސަތުތަކަކީ ވަރަށް ސާފުކޮށް ލިޔެ، ޗާޕްކޮށް ޢާންމުކޮށްފައިވާ ސިޔާސަތުތަކެއް ކަމަށާއި، އެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ ޤާބިލުކަން، އިދިކޮޅު ފަރާތްތަކަށް ލިބިފައިނުވާކަމީ، ހިތާމަ ކުރައްވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.
"އެ ސިޔާސަތުތަކުން ސަރުކާރު ހިންގަވަން ފަށްޓަވައި، ނުހަނު ގިނަ މަންފާ ލިބެން ފެށުމުން، އެ ސިޔާސަތުތަކަށް އެއްވެސް ޢިލްމީ ބަރުދަނެއްނެތި، ފާޑުކިޔުމުގެ މާނައަކީ، ޙަޤީޤަތުގައި ވެސް ވާދަވެރި ސިޔާސީ މަސްރަޙެއްގައި، ރާއްޖޭގެ މިއަދުގެ އިދިކޮޅު ޕާޓީތަކަށް މަސައްކަތް ކުރުމުގެ ޤާބިލްކަން ނެތްކަމުގެ ވަރަށްބޮޑު ހެތްކެއް،" ރައީސް ވިދާޅުވި އެވެ.
ރައިސް ވިދާޅުވީ ހަރުދަނާ ރަނގަޅު އިދިކޮޅު ޕާޓީއެއް އޮތުމުގެ މުހިންމުކަން، ވަރަށް ބޮޑުކަމަށާއި ރާއްޖޭގެ މިއަދުގެ އިދިކޮޅު ޕާޓީތަކަށް މަސައްކަތް ކުރުމުގެ ޤާބިލްކަން ނެތުމުން އެފަދަ މާހައުލެއްގައި ޑިމޮކްރެޓިކް ވެރިކަމެއް ކުރާކަށް ފަސޭހައެއް ނުވާނެ ކަމަށެވެ.