03 Feb 2012, 04:25
ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރުމަށް ފަންނީ އެހީތެރިކަން އިތުރުކުރުމަށް ކޮމަންވެލްތުން އެހީވާން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި އިއްޔެ އާމުކޮށްފައިވާ ބަޔާނެއްގައި ވަނީ އެހީތެރިކަން އިތުރު ކުރުމަށް ކޮމަން ވެލްތުން ނިންމީ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝަރުމާއާ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުތަކަކަށް ފަހުގައި ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމީ އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލް އާއި ކޮމަންވެލްތުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އާ ދެ ބޭފުޅުން ވެސް ވާހަކަ ދެއްކެވުމަށް ފަހުގައި ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ބުނީ ކޮމަންވެލްތުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުމަސިކްގޯ މާ ސިރޭ މުވަމްބާއާ ދެ ބޭފުޅުން ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިންސާފުވެރިކަމުގެ ވަށައިގެންވާ މައްސަލަތަކަށް އަލިއަޅުވާލެއްވި ކަމަށެވެ.
ފޮރިން މިނިސްޓްރީން އަދި ބުނެފައި ވަނީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ އިތުރުން ކޮމަން ވެލްތަކީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެހީތެރިވެދެމުން އަންނަ ޖަމާއަތެއް ކަމަށެވެ.