06 Mar 2021, 18:05
އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ އިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި އެވެ.
އިދިކޮޅުގެ އިހުތިޖާޖުން ޖުމުލަ 39 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެމީހުން ދޫކޮށްލީ، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވެގެން ފިޔަވަޅު އެޅުމަށްފަހު ކަމަށެވެ.
އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން 1،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ.
މުޒާހަރާ އިން ހައްޔަރުކުރި މީހުން ކޮވިޑް19އަށް ޓެސްޓުކުރަން ސާމްޕަލް ނަގަން އެދުމުން އެކަމަށް ވަނީ ދެކޮޅު ހަދައިފަ އެވެ.
އެމީހުންގެ ސާމްޕަލް ނަގަން އެދުނީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި ބަޔަކަށް ވެފައި، އެމީހުންނަކީ ގިނަ ފުލުހުންނާ ކޮންޓެކްޓްވެފައިވާ ބަޔަކަށް ވުމުން ކަމަށް ފުލުހުން ބުންޏެވެ.
އެމީހުން ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އެކިވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ.