އިދިކޮޅު ފަރާތްތަކުން މާލޭގައި މިރޭ ކުރި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގައުމީ ޕާޓީގެ ކައުންސިލް މެންބަރު ސަންދާނު އަހައްމައިދީ އަށް ނޭވާލުމަށް އުނދަގޫވެގެން އައިޖީއެމްއެޗުގައި މިރޭ އެޑްމިޓްކޮށްފި އެވެ.

މަންޒަރު ދުށް މީހުން ބުނީ ޗާނދަނީމަގު ހަތަރުއަނގޮޅި ކަންމަތީން އަހަންމައިދީ ފުލުހުން ހައްޔަރުކުރީ އޭނާގެ މޫނަށް ފުލުހުން ގިނަ އަދަދެއްގެ ޕެޕާ ސުޕްރޭ ޖެހުމަށް ފަހު ކަމަށާއި އެއާ އެކު އޭނާ އަށް ނޭވާ ލުމަށް އުނދަގޫވެގެން އުޅުނު ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ފުލުހުން އަހަންމައިދީ ހައްޔަރު ކުރީ ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކުމުން ކަމަށާއި އާންމު އުސޫލުން ނުކިޔަމަން ތެރިކަން ދައްކާ މީހުންގެ މައްޗަށް ހާލަތާ އެކަށީގެންވާ މިންވަރަކަށް ބާރުގެ ބޭނުން ކުރާ ކަމަށާއި އަހަންމައިދީ ހައްޔަރު ކުރުމުގައި ވެސް ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ އަހަންމައިދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ އެކު އޭނާ އަށް ނޭވާލާން އުނދަގޫވި ކަމަށާއި އެއާ އެކު އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އަހަންމައިދީ އައިޖީއެމްއެޗުގެ ކެޝުއަލްޓީގައި މިރޭ އެޑިމިޓްކޮށްފައި އޮތް އިރު މޮނިޓަރިން މެޝިނެއް ވަނީ ގުޅައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭގެ މުޒާހަރާއާ ގުޅިގެން ފަސް މީހަކު ހައްޔަރު ކުރި ކަމަށާއި އަދި އޭގެ ތެރެއިން ދެ މީހުންނަކީ 18 އަހަރުން ދަށުގެ ކުޑަކުދިން ކަމަށެވެ.

އޭނާ ވިދާޅުވީ މިރޭ ހިއުމަން ރިސޯސް މިނިސްޓްރީގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށާއި އަދި މަޖީދީމަގު މެގަޗިޕްގެ ބިއްލޫރިގަނޑު ވެސް ތަޅާލާފައިވާ ކަމަށެވެ.