14:30


ޗައިނާ ސަރުކާރުން ހަދާފައިވާ ގައުމީ ދާރުލް އާސާރު ރާއްޖޭގެ ސަރުކާރާއި ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.


ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު އޮތް އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ދާރުލް އާސާރު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ހުސެން ނިޔާޒެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނީޒް އެމްބަސީގެ ޗާޖް ދި އެފެއާރް ހަންޓާ އޯ އެވެ.


މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ ކުރިން ހުރި ބާ ދާރުލް އާސާރުގައި ހުރި ތަކެތި އާ ދާރުލް އާސާރަށް ބަދަލުކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ވެސް އާ ދާރުލް އާސާރު ގައި ކުދި ކުދި މަރާމާތުތައް ކުރަމުންދާ ކަމަށް ނަސީމް ވިދާޅުވި އެވެ.


ނަސީމް އިތުރަށް ވިދާޅުވީ ދުނިޔޭގެ އެހެން ދާރުލް އާސާރު ތައް ފަދައިން ރާއްޖޭގައި ހަދާފައިވާ ދާރުލް އާސާރުގެ ތެރޭގައި ކެފޭ އަކާއި އަދި ދާރުލް އާސާރުގައި ހުރި ބައެއް ތަކެތީގެ ނަމޫނާ ތަކެތި ހަދާ އެއްޗެހި ވިއްކާ ގޮތަށް ފިހާރައެއް ދާރުލް އާސާރުގައި ހުޅުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.


ކުރީގެ ޓެނިސް ކޯޓު ހުރި ބިމުގައި ސަލްޓަންޕާކަށް ބައެއް ވާ ގޮތަށް ޗައިނާ ސަރުކާރުގެ އެހީގައި މީގެ ދެ އަހަރު ކުރިން ދެ އިމާރާތަކަށް ވާ ގޮތަށް ހަދަންފެށި އާ ދާރުލް އާސާރު ރަސްމީ ގޮތުން ހުޅުވާ ގޮތަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.