މިއަދު ހެނދުނުން ފެށިގެން މަސައްކަތަށް ނުކުންނަން ދެކޮޅު ހެދި މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުން މިހާރު މަސައްކަތަށް ނުކުމެފައިވާ ކަމަށް މޯލްޑިވިއަންއިން ބުނެފި އެވެ.

ޗީފް ޕައިލެޓުގެ މަގާމުގައި ހުރި ކެޕްޓަން މުސްތަފާ މަންސޫރު އެ މަގާމުން ވަކި ކުރުމުން ހިތްހަމަނުޖެހިގެން މިއަދު މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުންތަކެއް ވަނީ މަސައްކަތަށް ނުކުތުމަށް ދެކޮޅު ހަދައިފަ އެވެ.

އެކަމާ ގުޅިގެން މޯލްޑިވިއަންއިން ކުރި ޓްވީޓެއްގައި ބުނީ، އެ ޕައިލެޓުން މެނޭޖްމަންޓަށް ކަންބޮޑުވުންތައް ހިއްސާކުރުމަށްފަހު މިހާރު މަސައްކަތަށް ނުކުމެފައިވާ ކަމަށެވެ.

ހައްލު ހޯދައިދޭން ޕައިލެޓުން އެދުނު ކަންކަމަށް ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން މޯލްޑިވިއަންގެ މެނޭޖްމަންޓުން ދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ޕައިލެޓުންގެ ފަރާތުންވަނީ ހައްލުކުރަން ހުރިކަންކަން ހައްލުކޮށްދިނުމަށް އެދިފައި. މެނޭޖްމަންޓުންވަނީ އެކަންބޮޑުވުންތައް އަޑުއަހައި ހައްލުކުރަންހުރި ކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަންދީފައި،" މޯލްޑިވިއަންއިން ބުންޏެވެ.

މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް މިއަދު ވިދާޅުވީ ޗީފް ޕައިލެޓްގެ މަގާމުން ކެޕްޓަން މުސްތަފާ މަންސޫރު ވަކިކުރީ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލެއްގެ ދަށުން ކަމަށެވެ. އަދި ކުންފުނީގެ ކަންކަން ހަރުދަނާކޮށް ހިންގަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުންފުނިން ކުރަމުންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.