05 Mar 2021, 12:32
ހއ. ބާރަށުން އިތުރު ބަޔަކު ކޮވިޑް19އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް އަރައިފި އެވެ.
ބާރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނު ފުރިހަމަ ކުރި ނުވަ މީހެކެވެ. ނަމަވެސް އެމީހުންނާ ރަށުގެ ބައެއް މީހުންނާ ވަނީ ކޮންޓެކްޓްވެފަ އެވެ. އަދި ކޮންޓެކްޓުވި މީހުންގެ ތެރެއިން ހަތަރު މީހަކު މި މަހުގެ ދެވަނަ ދުވަހު ވަނީ ޕޮޒިޓިވްވެފަ އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވީ ޕޮޒިޓިވް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުންނާއި ބަލީގެ އަލާމާތްތައް ހުރި މީހުންގެ ސާމްޕަލް ނަގައި ޓެސްޓުކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން އިއްޔެ ޓެސްޓުކުރި 158 ސާމްޕަލްގެ ތެރެއިން ނުވަ މީހަކު ޕޮޒިޓިވްވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް މީހުން ހިމެނޭ އިރު އެކަކު ވަނީ ށ. ފުނަދޫގައި ހުންނަ ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ.
ކޮވިޑް19 އާ ގުޅިގެން ބާރަށާއި، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ގއ. ދެއްވަދޫ އަށް އަރައިފޭބުން ވަނީ މަނާކޮށްފަ އެވެ.