03 Feb 2012, 02:18
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ނަގާ ގްރައުންޑް ހޭންޑްލިން ފީ، އެ އެއާޕޯޓް ހިންގާ އިންޑިޔާގެ ޖީއެމްއާރު ކުންފުނިން ބޮޑު ނުކުރާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނަނީ ގްރައުންޑް ހޭންޑްލިން ފީ ބޮޑުކުރުމަށް ނިންމީ 2010 ވަނަ ފެބްރުއަރީ މަހު، އެ ހިދުމަތް އޭރު ދެމުން ދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ކަމަށެވެ.
އަދި އެގޮތަށް އެކަން ނިންމައި ރާއްޖެއަށް އޮޕަރޭޓްކުރާ ހުރިހާ އެއާލައިން ތަކަށް ނުވަމަސް ދުވަހުގެ ނޯޓިސްއެއް ވެސް ދީފައިވާ ކަމަށެވެ. އެގޮތުން އެއަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިހެން ހޭންޑްލިން ފީ 50 ޕަސެންޓަށް ބޮޑުވާނެ ކަމަށް 16 ފެބްރުއަރީގައި އެއާޕޯޓްސް ކޮމްޕެނީން އެންގި ކަމަށެވެ.
"25 ނޮވެމްބަރު 2010 ގައި އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން ވަނީ ޖީއެމްއާރު އޭއެޗްބީ ކޮންސޯޓިއަމްއަށް ހަވާލުކޮށްފަ އެވެ. ޖީއެމްއާރު އިން އެއާޕޯޓް ހިންގުމާ ހަވާލުވުމަށް ފަހު ގްރައުންޑް ހޭންޑްލިން ފީއާއި ލޭންޑިން ފީ އާއި މިފަދަ އެރޯނޯޓިކަލް އެއްވެސް އަގެއް ބޮޑުކޮށްފައެއް ނުވެއެވެ،" މިނިސްޓްރީގ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އަދި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ގްރައުންޑް ހޭންޑްލިން ފީގެ ގޮތުގައި ޗާޖްކުރަމުން ދަނީ ފެބްރުއަރީ 16 ވަނަ ދުވަހު އަންގާފައިވާ ރޭޓުން ކަމަށެވެ.
ގްރައުންޑް ހޭންޑްލިންފީ ބޮޑުކުރުމާ ގުޅިގެން ރާއްޖެއަށް އޮޕަރޭޓް ކުރުމުން ގެއްލުން ވާނެތީ ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އަންނަ މާޗްމަހުން ފެށިގެން ހުއްޓާލާނެ ކަމަށް ސްރީލަންކަން އެއާލައިނުން ވަނީ ބުނެފައެވެ. އަދި އެފަދަ ގޮތަކަށް ކަންތައް ކުރަން ޖެހިދާނެ ކަމަށް ގަތަރު އެއާވޭސްއިން ބުނި އިރު އެ އެއާލައިނުން ބުނެފައި ވަނީ ފީ ބޮޑުކުރީ އެއާޕޯޓް ހިންގާ ޕްރައިވެޓް ކުންފުނިން ކަމަށެވެ.