ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ބިދޭސީން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިމިގްރޭޝަނުން ދީފި އެވެ.

އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެ ވުމަށްފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން ވެސް ރިސޯޓުތަކުން ފޮޓޯގްރަފަރުންގެ ގޮތުގައާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާކަމުގެ ޝަކުވާތައް ގިނަކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އެ ޝަކުވާތަކާއި ގުޅިގެން އިމިގްރޭޝަނުން މައްސަލަތައް ބަލާ މިހާތަނަށް 60 ފަރާތެއް ރާއްޖެއިން ފުރުވާލުމަށް އަންގާފައި ވާނެ ކަމަށާއި އަދި އޭގެ ތެރެއިން މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން ފުރާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ފޮޓޯގްރަފީ އާއި މިއުޒިކީ މަސައްކަތްތައް ކުރުވާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެގޮތަށް ވިޔަފާރިތަކުން އަމަލު ކުރަމުން ދިއުމުން، ދިވެހި ފަންނާނުންނަށް ލިބޭ ފުރުސަތުތައް ގެއްލި، މާލީގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ މައުލޫމާތު އެކިއެކި ފަރާތްތަކުން އިމިގްރޭޝަނާ ހިއްސާކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.

"ވީމާ، އިސްވެ ދެންނެވި ފަދައިން މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު މި އިދާރާއިން ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަން މިފުރުސަތުގައި ހަނދާންކޮށްދެމެވެ." އިމިގްރޭޝަނުން ބުންޏެވެ.

ހަމައެއާއެކު ދިވެހި ފަންނާނުންގެ ކުރިމަގަށް ނުރަނގަޅު އަސަރު ކުރާނެ ފަދަ އަމަލުތަކުން އެއްކިބާވުމަށާއި، ގަވައިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތް ނުކުރުވުމަށް އިލްތިމާސް ކޮށްފައިވެ އެވެ.