04 Mar 2021, 21:17
ފެނަކަ ކޯޕަރޭޝަނުން ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރާކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުން އަންނަ ވާހަކަތަކުގައި އަސާސެއް ނެތްކަމަށާއި އެފަރާތްތަކުގެ މަފުސަދަކީ ކުންފުނީގެ އަގު ވައްޓާލުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮރަޕްޝަންގެ ތުހުމަތުތަކަކީ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދެމުން އަންނަ ކުރިއެރުންތަކާއި ފަހުރުވެރި ރީތިނަމާއި ކާމިޔާބީތަކާމެދު ސަސަދަވެރި ނިޔަތެއް އޮވެގެން، ކުންފުނީގެ ނަން ކިލަނބުކޮށް، މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި، ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ، ސިލްސިލާ ފިނޑި އަމަލުތަކުގެ ތެރެއިން ކަމެއް ކަމަށެވެ.
ފެނަކައިން ބުނީ ޑިސެމްބަރު 2018 ގައި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏާ ހަވާލުވުމަށް ފަހު، ރައްޔިތުންނަށް ހިދުމަތްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ނަޒާހަތްތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް ކަމަށެވެ.
އެނޫން މަގަކުން ކަންކަން ނުހިނގާނެކަން ކަށަވަރުކުރުމަށް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅައި، އެފަދަކަންކަމަށް ފާރަވެރިވެ، ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ ނިޒާމުތަކެއް ކުންފުނީގައި ގާއިމުކޮށް އަމަލުކުރަމުންދާކަމަށް ވެސް ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން، ކޮަރަޕްޝަނަށް މަގުފަހިވާ ފަދަ ގަވާއިދެއް ނުވަތަ އުސޫލެއް ވެސް މިއަދުގެ މެނޭޖްމަންޓުން ހަދާފައި ނުވާނެ ކަމަށާއި މާޒީގައި އެކުލަވާލާފައިވާ އެފަދަ ގަވާއިދުތަކާއި އުސޫލުތައް ވެސް ބަދަލުކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހަރުދަނާކަމާއެކު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"ހަމަ މިއާއެކު، މިކުންފުނީގެ ކުރީގެ މެނޭޖްމަންޓުތަކުން ހިންގާފައިވާ އަމަލުތަކެއްގެ ސަބަބުން އަދުގެ މެނޭޖްމަންޓަށާއި މިއަދު ކުންފުންޏަށް ކިލަނބު ނަން ގެނައުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމީ މިކުންފުނީގެ އަދުގެ މެނޭޖްމަންޓުން ނުހަނު ހިތާމަކުރާ ކަމެކެވެ." ބަޔާނުގައިވެ އެވެ.
ފެނަކަ ފަދަ، ރައްޔިތުންގެ އާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ ކުންފުންޏަކާ ގުޅޭ ގޮތުން އެކިފަރާތްތަކުން އުފައްދައި ހުށަހަޅާ އަސާސެއްނެތް އެންމެހާ ކަންކަން ހަރުދަނާކަމާއެކު ތަފްސީލީ ގޮތެއްގައި ބަލަންޖެހޭ އެންމެހާ ބެލުންތައް ބަލައި ދިރާސާ ކޮށްގެން، ކަމުގެ ހަގީގަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް މައުލޫމާތު އާންމު ކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފެނަކައިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އެ ކުންފުނީގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަން ހިނގާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށެވެ.