04 Mar 2021, 21:09
ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ދަމަހައްޓައި، ހަތް ދުވަހުގެ މުއްދަތަކަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު އާންމުކުރި އެންގުމުގައި ބުނެފައި ވަނީ ކުރިއަށް އޮތް ހަތް ދުވަހު ވެސް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލޭގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ.
ހަމައެއާއެކު، އެއް ފަހަރާ މަގުމައްޗަށާއި އާންމު ތަންތަނަށް ނުކުމެ އުޅެވޭނެ މީހުންގެ އަދަދު ވެސް ވަނީ ފަހަކަށް މަދުކޮށްފަ އެވެ.
އިތުރު ފިޔަވަޅުތައް:
ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުން
- ދުވުމަށް ހާއްސކޮށްފައިވާ ޓްރެކުތައް ބަންދުކުރުން
- ޕާކުތަކާއި މައިޒާންތައް ބަންދުކުރުން
- ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓައިލުން
- އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުން
އޭގެ އިތުރުން އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ވެސް ބައެއް ކަހަަލަ ފިޔަވަޅުތައް ދަމަހައްޓަން ވަނީ ނިންމައިފަ އެވެ.
ޖިމްތަކުގައި، ހަމައެކަނި، އެކަނި ކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުން
- ހާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓު އޮތުން
- ޕްރީ ސްކޫލުތަކާއި، ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓައިލުން
- ޑޭ ކެއަގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ދިނުން ހުއްޓައިލުން
ކޮވިޑް ޖެހިގެން ރާއްޖެއިންް 64 މީހަކު މަރުވި އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 20،000 ހުރަސްކޮށްފަ އެވެ.
އިއްޔެގެ ހަވީރު ހަޔަކާ ހަމައަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓވްވި މީހުންގެ ޖުމްލަ ވަނީ 20،280 އަށް އަރައިފަ އެވެ. ބައްޔަށް ފަރުވާ ހޯދާ 2،615 މީހުން ތިބިއިރު 187 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ.
މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 17،595 އެވެ.