މާލެ ސިޓީގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރޭގަނޑު އަށަކުން ފެށިގެން ކެފޭ ރެސްޓޯރަންޓުތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން މަނާކުރި ކުރުން އިތުރު ހަފްތާއަކަށް ދަންމާލައިފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 20:00 ން 22:30 އަށް މާލޭ ސިޓީގެ ކެފޭ ރެސްޓޯރަންޓުތަކުން ދެވޭނީ ޑެލިވަރީ އަދި ޓޭކް އަވޭގެ ހިދުމަތް އެކަނި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެ ފިޔަވަޅުގެ މުއްދަތު ހަމަވާނީ މާދަމާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ، އެ ފިޔަވަޅު އިތުރު ހަތް ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހާ ތަންތަން ހިމެނޭނެ އެވެ. އަދި ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތްތައް ވެސް 22:30 އިން ފެށިގެން ހުއްޓާލަން ޖެހޭނެ އެވެ.

އެޗްއީއޯސީން މީގެކުރިން ބުނެފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު ކެފޭ، ރެސްޓޯރަންޓުތަކަށް ގޮސް މާސްކް ނާޅައި ގިނަ ވަގުތު ވާހަކަދައްކަން ތިބޭކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހައި ރިސްކު އެކްޓިވިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.