ކޮވިޑް ޖެހިގެން ރާއްޖެއިން 64 ވަނަ މީހަކު މަރުވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނެކެވެ.

ކޮވިޑްގައި އިއްޔެ ވެސް ރާއްޖެއިން ވަނީ މީހަކު މަރުވެފަ އެވެ. އެއީ ހަބަރު ހުސްވެގެން އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމަށް ގެންދިޔަ މީހެކެވެ. އުމުރުން 67 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ހެނދުނު 6:00 ގަ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިންް 64 ވަނަ މީހަކު މަރުވި އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 20،000 ހުރަސްކޮށްފަ އެވެ.

އިއްޔެގެ ހަވީރު ހަޔަކާ ހަމައަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓވްވި މީހުންގެ ޖުމްލަ ވަނީ 20،280 އަށް އަރައިފަ އެވެ. ބައްޔަށް ފަރުވާ ހޯދާ 2،615 މީހުން ތިބިއިރު 187 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ.

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 17،595 އެވެ.