02 Feb 2012, 22:35
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ނަގާ ފީތައް ބޮޑުވެ، ބައެއް އެއާލައިންތަކުން ރާއްޖެ އަށް ކުރާ ދަތުރުތައް ހުއްޓާލަމުން ދާތީ އިދިކޮޅު ޑީއާރުޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޑީއާރުޕީ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ބޭރުގެ ގައުމުތަކުން ކުރާ ދަތުރުތައް ހުއްޓުމަކަށް އައުމަކީ ޑީއާރުޕީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ރާއްޖެ ތަރައްގީ ވަމުން ދިއުމުގެ ބަދަލުގައި މިދަނީ ފަހަތަށް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ]ރާއްޖެ[ ކުރިއަރައި ތަރައްގީ ވަމުންދާ ކަމަށްވާ ނަމަ އަޅުގަނޑުމެންގެ އެއާޕޯޓުގައި އިތުރު އެއާލައިންތައް ޖައްސަމުންދާން ޖެހޭނީ. އެކަމު މިހާރު މި އިވޭ އަޑަކީ ޖައްސާ އެއާލައިންތައް މަދުވަމުން އަންނާނެ ވާހަކަ. އެންމެ ފަހުން މިހެން ގޮސް މާލެ އާއި ޓްރިވެންޑަމް އާދޭތެރޭގައި ނުވަތަ ލަންކާ އާއި މާލެއާ ދޭތެރޭ ދަތުރުކުރާ ހިސާބަށް ދިޔައީމާ ދެން މި ގައުމަށް ވެގެންދާނެ ގޮތް ހުރިހާ ބޭފުޅުންނަށް ވެސް އެނގިގެންދާނެ." ރޮޒައިނާ ވިދާޅުވި އެވެ.
އަދި ރާއްޖެ އިން ބޭރުގެ އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލުމަކީ ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑަށް އޭގެ އަސަރުކުރާނެ ކަމެއްކަން ރޮޒައިނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެނަށް މައުލޫމާތު ލިބޭ ގޮތުން ވިއްޔާ ހަފްތާއަކު އެގާރަ ހާސް މީހުން ދަތުރުކުރާ އެއާލައިންއެއް ސްރީލަންކަން އަކީ ވެސް. އަދި އޭގެ އިތުރުން އަދި ގިނަ އަދަދެއްގެ މަސް ބޭރު ކުރޭ އެއިން. އެހެން ކަމަށްވާ ނަމަ އެ ބޭފުޅުން މިހާރު ގެންގުޅޭ ބޯޓުތައް މިހާރަށް ވުރެ ކުދި ބޯޓްތަކަކަށް ބަދަލުކުރީމާ މިހާރު ވިހި ޓަނު އެކްސް ޕޯޓު ކުރެވޭ އިރު، ޓޫ ޓު ތްރީ ޓަންސް ]ދެތިން ޓަނަށް[ ބަދަލުވެގެން މިދަނީ." އޭނާ ވިދާޅުވި އެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރުތައް ކުރަމުންދަނީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމަށާއި މަޖިލީސް ތެރެއިން އެ މައްސަލަތައް ހައްލުކުރުމަށް ޑީއާރުޕީ މަސައްކަތް ކުރާނެ ކަމަށެވެ.
"މި ކަމުން ދޭހަވަނީ ސަރުކާރުގެ ނާގާބިލު ކަމާއި އަޅުގަނޑުމެންގެ އިގުސާދު ކުރިއެރުމުވުމުގައި ސަރުކާރުން ވިސްނުން ތެރިކަމާއިއެކީގައި މަސައްކަތް ނުކުރައްވާކަން. އެހެންވީމާ ޑީއާރުޕީން ވަރަށް ބޮޑަށް ކަންބޮޑުވާ ވާހަކަ ދަންނަވާލަން ބޭންވޭ، އަދި މި ކަމަށް އެޅެން އޮތް ފިޔަވަޅެއް ޑީއާރުޕީން އަޅާނަން." ރޮޒައިނާ ވިދާޅުވި އެވެ.