ކޮލަމްބޯ (މާޗް 4): ސްރީލަންކާގައި ރަޝިއާގެ ކޮވިޑް-19 ވެކްސިން ބޭނުން ކުރަން ހުއްދަ ދީފި އެވެ.

ލަންކާގެ ނެޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީގެ މާހިރުންގެ ކޮމިޓީން އެގައުމުގައި ބޭނުން ކުރަން ހުއްދަ ދިނީ ރަޝިއާގެ ގަމަލެޔާ ރިސާޗް އިންސްޓިޓިއުޓުން އުފައްދާފައިވާ ސްޕަޓްނިކް ފަހެއް ވެކްސިން އެވެ. އެގައުމުން ފުރަތަމަ ހުއްދަ ދިނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފައްދާފައިވާ ކޮވިޑް ވެކްސިނަށެވެ.

ރަޝިއާގެ ސްޕަޓްނިކް ފަހެއް ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތަކުގެ ނަތީޖާ ނުލިބެނީސް އެ ވެކްސިން މީހުންގެ ގަޔަށް ޖަހަން ފެށުމުން އެގައުމަށް ފާޑު ކިޔުންތައް އަމާޒުވި އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު އެ ވެކްސިންގެ ފަހު ފިޔަވަހީގެ ޓެސްޓުތަކުގެ ވަގުތީ ނަތީޖާ މެޑިކަލް ޖާނަލް ލާންސެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. އަދި ކޮވިޑުން ރައްކާތެރިކުރުމުގައި އެ ވެކްސިން 91.6 ޕަސެންޓު ކާމިޔާބު ކަމަށް ޓެސްޓުތަކުން ވަނީ ދައްކާފަ އެވެ.

އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހެނީ ފުރަތަމަ ޑޯޒް ޖަހާތާ 21 ދުވަސް ފަހުންނެވެ. އަދި އެ ޑޯޒްތައް އާދައިގެ ފްރިޖުގައި ރައްކާ ކުރެވޭނެ އެވެ.

ރަޝިއާއިން ބުނާ ގޮތުގައި ސްޕަޓްނިކް ފަހެއް ވެކްސިން ބޭނުން ކުރުމަށް 39 ގައުމަކުން މިހާރު ވަނީ ހުއްދަ ދީފަ އެވެ. އޭގެ ތެރޭގައި އާޖެންޓީނާ، ޔޫއޭއީ، އަދި މެކްސިކޯ ހިމެނެ އެވެ.

ލަންކާގެ ސަރުކާރުން މިއަދު ބުނި ގޮތުގައި ރަޝިއާގެ ސަރުކާރުން ވަނީ އެގައުމަށް ސްޕަޓްނިކް ވެކްސިންގެ 300،000 ޑޯޒް ހިލޭ ދިނުމަށް އެއްބަސްވެފަ އެވެ.

ލަންކާއިން ވަނީ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ އެސްޓްރާޒެނެކާ ވެކްސިންގެ 10 މިލިއަން ޑޯޒްއަށް އޯޑަރު ދީފަ އެވެ. އަދި ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެސްޓްރާޒެނެކާގެ އިނގިރޭސިވިލާތުގެ އިންސްޓިޓިއުޓުން 3.5 މިލިއަން ޑޯޒްއަށް އޯޑަރު ދީފަ އެވެ.