އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގައި ފުލުހުން ހައްޔަރުކުރި މީހަކަށް ލިބުނު ނަފްސާނީ އަދި މާއްދީ ގެއްލުމެއްގެ ބަދަލެއްގެ ގޮތުން 1.5 މިލިއަން ރުފިޔާ ނަގައިދިނުމަށް އޭނާ ފުލުހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

އެމްއެމްއޭ ސަރަހައްދުގައި މުޒާހަރާކުރަމުން ދަނިކޮށް ޖެނުއަރީ 22 ވަނަ ދުވަހުގެ ހައްޔަރު ކުރި ޤައުމީ ޕާޓީގެ މެމްބަރު، ސ. ހިތަދޫ، ރަންދޯދިގޭ މުޙައްމަދު ފަހުމީ، ބަދަލު ނަގައިދިނުމަށް އެދި ދައުވާ ކޮށްފައި ވަނީ ޕޮލިސް ކޯޕްރަލް އަޙުމަދު ފަޒީލްގެ މައްޗަށެވެ.

"ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުން 1.5 މިލިއަން ރުފިޔާ އަދި މިމައްސަލަ ކޯޓަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ޤާނޫނީ މަސައްކަތައް ހޭދަވެފައިވާ 25,000.00ރ. އާ އެކު ޖުމްލަ 1.5 މިލިއަން ރުފިޔާ ލިބިގަތުން." ސިވިލް ކޯޓަށް ހުށަހެޅި ފައިވާ ދައުވާގައި އެދިފައިވެ އެވެ.

މިއަދު ހުށަހެޅި ދައުވާގައި ފަހުމީ ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ޤާނޫނާ ހިލާފަށް ކަމަށާއި ޤާނޫނު އަސާސީގެ 58 ވަނަ މާއްދާގެ ދަށުން ޤާނޫނީ ބާރެއްނެތި ނުވަތަ ޤާނޫނާ ޚިލާފަށް މީހަކު ހައްޔަރު ކޮށްފި ނަމަ ނުވަތަ ބަންދުކޮށްފި ނަމަ އެކަމުގެ ބަދަލު އެމީހަކަށް ލިބިދޭން ޖެހޭނެ ކަމަށެވެ.

"ޤާނޫނު އަސާސީ އާ ޚިލާފަށް ފުލުހުން އަޅުގަނޑު ހައްޔަރުކޮށް އަދި އެއްވެސް ތަހުގީގު ކުރުމެއް ނެތި 24 ގަޑި އިރު ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓި ދުވަހަކީ ސަރުކާރު ބަންދުނޫން ދުވަހެއް ކަމާއި އަޅުގަނޑަކީ އާމްދަނީ ހޯދުމަށް ކޮންމެ ދުވަހަކުމެ މަސައްކަތްކުރަން ޖެހޭ ޢާންމު ރައްޔިތެއް ކަމުގައިވީ ހިނދު، މިފަދައިން ބަންދުގައި ބެހެއްޓުމުގެ ސަބަބުން އެ ދުވަހު މަސައްކަތަށް ނުދެވުމާއި އެކަމުގެ ސަބަބުން އަޅުގަނޑަށް ލިބުނު ގެއްލުމުގެ ބަދަލު ލިބެން ޖެހޭނެ..."