04 Mar 2021, 11:53
މިއަހަރުގެ ޖެނުއަރީމަހު ވައިގެ މަގުން ދަތުރު ކުރި ފަސިންޖަރުންގެ އަދަދު މަދުވެފައިވާ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަން (އަޔާޓާ) އިން ބުނެފިއެވެ.
ކޮވިޑް19 އާއި ގުޅިގެން މިދިޔަ އަހަރުގެ މާޗުން ފެށިގެން ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށް ކޮމާޝަލް ދަތުރުތައް ހުއްޓަލާފައި އޮތުމަށްފަހު ޖުލައި އިން ފެށިގެން މަޑުމަޑުން ބޯޑަރުތައް ހުޅުވާލާ ދަތުރުތައް ވަނީ ފަށައިފައެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ބައެއް ގައުމުތަކުގައި ގޯސްވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު ހިސާބުން ފެށިގެން އަނެއްކާވެސް ދަތުރުތަކަށް މަޑުޖެހުން އައެވެ. ސަބަބަކީ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމާއި، ކަރަންޓީނުގެ މުއްދަތެވެ.
އަޔާޓާގެ ޑިރެކްޓަރ ޖެނެރަލް އެލެކްސެންޑްރާ ޑެ ޖުނިއެކް ވިދާޅުވީ ކޮވިޑް ވެކްސިނާއެކު އުންމީދެއް އާވިނަމަވެސް ކޮވިޑްގެ އާ ވޭރިއަންޓްތަކާއެކު ގައުމުތަކުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޓްރެވަލް ރެސްޓްރިކްޝަންތައް އަަންނަމުން ދާކަމަށާއި މިއީ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށެވެ.
އަދިވެސް ފެންނަނީ ނާއުންމީދީ މަންޒަރެއް ކަމަށާއި ފެބްރުއަރީ މަހުގެ ބުކިންގްސްވެސް މިދިޔަ އަހަރާ ބަލާއިރު 78 ޕަސެންޓް ދަށްވެފައިވާ ކަމަށް އަޔާޓާ އިން ބުންޏެވެ. ހާއްސަކޮށް ނޮދަން ހެމިސްފިއާގެ ގައުމުތަކަށް ކުރާ ދަތުރުތައް އަދިވެސް މަޑުޖެހިފައި އޮތްކަން އެ ޖަމިއްޔާ އިން ފާހަގަ ކުރެއެވެ.
އަޔާޓާއިން ބުނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުގެ ޕެސެންޖާ ޑިމާންޑު 86 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. މިއީ އެއާލައިނުތަކުގެ މާލީ ހާލަތަށް އަސަރުކުރާނެ ކަމެއްކަން އަޔާޓާ އިން ފަހަގަކުރެއެވެ.
މީގެ ކުރިން ލަފާކޮށްފައި އޮތީ މިއަހަރުގެ ފަހު ކުއާޓަރާ ހަމައަށްދާއިރު އެއާލައިންތަކަށް ފައިދާވާނެ ކަމަށެވެ. ނަމަވެސް މިހަރުގެ ހާލަތަށް ރިއާޔަތްކޮށް ކޮށްފައިވާ އަންދާޒާ އަކީ މިއަހަރުގެތެރޭ 75-95 ބިލިއަން ޑޮލަރުގެ ގެއްލުން އެއާލައިން އިންޑަސްޓްވާރީ އަށް ވާނެ ކަމަށެވެ.
އަޔާޓާ އިން މީގެ ކުރިން ބުނެފައިވަނީ އޭވިއޭޝަން ދާއިރާ އިން ރިކަވަރީ އަށް ކުރާ ދަތުރަކީ ދިގު އަދި އުނދަގޫ ދަތުރަކަށް ވާނެ ކަމަށެވެ. އަދި 2019 ވަނަ އަހަރު ނިމުނު އިރު އެ ސިނާއަތް އޮތް ހާލަތަށް ދެވޭނީ އެންމެ އަވަހަށްވެސް 2024 ވަނަ އަހަރު ކަމަށް ލަފާކޮށްފައިވެއެވެ.
އެއާއެކުވެސް އެންމެ އަވަހަށް ރިކަވާވާނީ ޑޮމެސްޓިކް މާކެޓްތައް ކަމަށާއި އިންޓަނޭޝަނަލް މާކެޓްތައް ރިކަވާވާން އިތުރު މުއްދަތު ނަގާނެ ކަމަށް އެ ޖަމިއްޔާ އިން ލަފާ ކުރެއެވެ.