ފައިނޭންސް މިނިސްޓަރުގެ ނާއިބު ފާތުމަތު ނުޒުހާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ނުޒުހާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް މިއަދު ފޮނުއްވި ކަން އޭނާ ވަނީ ސަަން އަށް ކަށަވަރުކޮށްދީފަ އެވެ.

ނުޒުހާ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ "މިވަގުތަށް ގޭގައި މަޑުކޮށްލައްވަން ބޭނުން"ވާތީ ކަމަށާއި އަމިއްލަ ސަބަބުތަކާ ގުޅިގެން ކަމަށެވެ.

ފައިނޭންސް މިނިސްޓަރު މުހައްމަދު ޝިހާބު މިއަދު ވިދާޅުވީ ނުޒުހާ އާއި އެ މިނިސްޓްރީގެ ނާއިބު ހައިފާ ނައީމު އިސްތިއުފާ ދެއްވާ ވާހަކަ އެބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިސްތިއުފާގެ ސިޓީ ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކަމަށެވެ.

ހައިފާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ސްރީލަންކާގައި ހުންނަވައިގެން ވިދާޅުވީ އެއިން އެއްވެސް ބޭފުޅެއްގެ ސިޓީ ރައީސް އޮފީހަށް އަދި ލިބިފައި ނުވާ ކަމަށެވެ.

ކުރީގެ ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒާއި ބަޖެޓް ކޮންޓްރޯލާ އަހުމަދު އަސްއަދު ވެސް އިސްތިއުފާ ދެއްވާފައި ވަނީ ދާދިފަހުންނެވެ.