ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝް އެއާފޯސްގެ މެޑިކަލް ޓީމެއް މިއަދު ހަވީރު ރާއްޖެ އަތުވެއްޖެ އެވެ.

ބަންގްލަދޭޝްގެ މެޑިކަލް ޓީމަށް ވީއައިއޭއިން މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު އާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރުގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެއާ އެޑްމިރަލް (ރޓ) ނަޒްމުލް ހަސަންއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓް ކާނަލް ހުސައިން ފައިރޫޝް އަދި ލެފްޓިނަންޓް ކާނަލް ހަސަން ބުޝްރީ އެވެ.

ބަންގްލަދޭޝްއިން ރާއްޖެއަށް ފޮނުވި އެ މެޑިކަލް ޓީމުގައި ހިމެނެނީ 10 ނަރުހުންނާއި ހަތް މެޑިކަލް އެސިސްޓެންޓުން އަދި އެނެސްތިޒިއޮލޮޖިސްޓެކެވެ.

ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން އެ ޓީމު މަސައްކަތް ކުރާނީ މާލޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ އިތުރުން ގދ. ތިނަދޫ، ލ. ގަން، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ހިންގަމުންދާ ވެކްސިން ޕްރޮގްރާމްތަކުގަ އެވެ.

އެ ޓީމު ރާއްޖޭގައި ހޭދަކުރާނީ ދެ މަސް ދުވަހުގެ މުއްދަތެކެވެ.

ކޮވިޑް-19 ދިފާއު ވެކްސިން ކެމްޕޭނުގެ ދަށުން ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭހެން އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މި ކަމުގައި ގަވާއިދާ އެއްގޮތަށް އުޅޭ އަދި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެކި ގޮތްގޮތުން ލިބެމުންދާ އެހީތެރިކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ޙަސީނާއާއި، ހާރިޖީ ވަޒީރު ޑރ އޭ. ކޭ މޮމެންގެ އިތުރުން ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނާއި އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ވަނީ ހާއްސަ ޝުކުރު އަދާ ކޮށްފަ އެވެ.