މިހާރު މާލޭގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާގައި ފުލުހުން ހައްޔަރުކުރާ ހުރިހާ ފަރާތްތަކަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ދޭނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ މުޒާހަރާގައި ބައިވެރިވާ އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް ފަހަތަށް ނުޖެހި މުޒާހަރަތަކުގައި އަމަލީ ގޮތުން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުން މުޒާހަރާ ރޫޅާލުމުގެ ގޮތުން މީހުން ހައްޔަރުކޮށްގެން ދޫނިދުއަށް ގެންދަނީ މުޒާހަރާގެ ބައިވެރިންނަށް ބިރުދެއްކުމުގެ ގޮތުން ކަމަށާއި ފުލުހުން ދައްކާ ބިރަށް ބޯނުލަބައި ފަސްޖެހުމެއް ނެތި މުޒާހަރާގައި ބައިވެރިވާ ފަރަތްތަކުގެ ދިފާއުގައި ގާނުނީ ވަކީލުންގެ ޓީމެއް ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

"ރައްޔިތުންނޭވޭ ވަރަށް ސާބިތުކަމާ އެކު މިތިބީ ގަނޫނީ ވަކީލުންގެ ބޮޑު ޓީމަކުން ތިޔަ ހުރިހާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުންނޭ މިގެންދަނީ. ހައްޔަރުވާ ހައްޔަރުވުމަކަށް ތިޔަބޭފުޅުން ނުބައްލަވާށޭ. ކުރިން ވެސް ހައްޔަރުވި މީހުންގެ ހައްގުގައި ވާނީ މަސައްކަތް ކޮށްފައި. ކުރިއަށް އޮތްތާގައި ވެސް ހައްޔަރުވާ މީހުންގެ ހައްގުގައި މަސައްކަތްކުރާނަން،" ވައްޑޭ ވިދާޅުވި އެވެ.

ވައްޑޭ ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 32 ވަނަ މާއްދަގައި ބުނެފައިވާ ގޮތަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވައި އެއްވެސް މީހަކު ހިފާހައްޔަރުކޮށް ގޮޅިއަށް ލެވޭނެ ޖާގަ ފުލުހުންނަށް ނޯންނާނެ ކަމަށާއި ފުލުހުން މީހުން ހައްޔަރުކުރަމުން ގެންދަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

"ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވާހަކަ ފުލުހުން ބުނާ އިރު މުޒާހަރާ ކުރާ މީހުން އަތުލައިގަނެ މުގުރުންތަޅައި ކަރުނަގޭސް ޖަހައި ފުލުހުން މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށް ހަދާފައި އެމީހުން އެ ބުނަނީ ފުލުހުންގައިގައި ތަޅަނިއްޔޭ. އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން،" ވައްޑޭ ވިދާޅުވި އެވެ.

ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒަހަރާ ރޫޅާލުމުގެ ގޮތުން ރަޔަޓް ފުލުހުން މުޒަހާރަގެ ބައިވެރިން ފަހާދުވެ އެމީހުންގެ ތެރެއިން 38 މީހަކު ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފައިވެ އެވެ. ރޭގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ.