އިންތިހާބު "ވަގަށް" ނެގުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށާއި، ކިތަންމެ ފިއްތުންތަނެއް ކުރިމަތި ކުރިޔަސް، ކޮންމެ ހާލެއްގައިވިޔަސް ވާދަވެރި އެމްޑީޕީ ބަލި ކުރާނެ ކަމަށް އިދިކޮޅުން ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީ އިންތިހާބު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޯލިޝަނުގެ ކެމްޕޭން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ، އިންތިހާބު އިންސާފުވެރިކަމާއެކު ބޭއްވުމަކީ އިލެކްޝަން ކޮމިޝަންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި އެހެން ނަމަވެސް ކަން ހިނގަނީ އެގޮތަށް ނޫން ކަމަށެވެ. އެގޮތުން އަދިވެސް އިދިކޮޅު ކެންޑީޑޭޓުންނަށް ހަމަހަމަކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ހިތާމައާއެކު އަޅުގަނޑު ފާހަގަކޮށްލަން ޖެހެނީ، އިލެކްޝަން ކޮމިޝަންގެ ނިޔަތް މިކަމުގައި ވަރަށް ގޯސް. އިންތިހާބު ވަގަށް ނެގުމަށްޓަކައި ނުވަތަ އޮޅުވާލުމަށްޓަކައި މިހާރުން ފެށިގެން މަސައްކަތް ކުރަމުންދާ މަންޒަރު މި ފެންނަނީ،" މުއާޒު ވިދާޅުވި އެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވާހަކަ ދައްކަވަނީ ---

މުއާޒު ވިދާޅުވީ، އިންތިހާބު ބާއްވައިފިނަމަ، އިދިކޮޅުން ކޮންމެ ހާލެއްގައިވިޔަސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

"މިހާ ދަތިކަމާއެކުވެސް އަޅުގަނޑުމެންގެ ކެންޑިޑޭޓުން ކެމްޕެއިން ކުރަމުން އެބަ ގެންދަވާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމްޑީޕީ ބަލި ކުރާނަން ކޮންމެ ހާލަތެއް ކުރިމަތި ކުރުވިޔަސް. ރައްޔިތުންގެ އަތުގައި ވޯޓު ފޮށިޖެހިއްޖެ ނަމަ އެމްޑީޕީ ބޮޑުތަނުން ބަލި ކުރާނަން،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންތިހާބަށް ރީ ރަޖިސްޓްރޭޝަންއަށްވެސް ދީފައިވަނީ ވަރަށް ކުރު މުއްދަތެއް ކަމަށެވެ.

ރީރަޖިސްޓްރޭޝަން ފޯމުގައި ފިންގާޕްރިންޓު ނުޖަހައި ކައުންސިލް އިންތިހާބުގެ ރީރަޖިސްޓްރީ ކުރެވޭ ގޮތް ހަދަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅަން އިލެކްޝަންސް ސުޕްރީމް ކޯޓުގެ 2013 ވަނަ އަހަރުގެ ކަނޑައަޅާފައިވާ ގައިޑްލައިންގައި، ރީރަޖިސްޓްރޭޝަން ފޯމުގައި ރީރަޖިސްޓްރީވާން އެދޭ ފަރާތުގެ ފިންގާޕްރިންޓް އޮންނަންވާނެ ކަމަށް ވަނީ ހިމަނާފަ އެވެ.

އެ ފޯމުގައި ފިންގާޕްރިންޓް ޖަހަން ނުޖެހޭ ގޮތަށް ބަދަލުކުރަން ކޮމިޝަނުން މަސައްކަތް ކުރާތީ އެކަމަށްވެސް މުއާޒު ފާޑުވިދާޅުވި އެވެ.

"މިހާރު އޮތް އިޖުރާތު ބައްދަލު ކުރުމުގެ މަސައްކަތްކެއް އެކުރަނީ. އެކަން ކުށްވެރިކުރަން،" މުއާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން އިދިކޮޅު ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތް ކަމަށް ބުނެ އެކަންވެސް މުއާޒު ކުށްވެރިކުރި އެވެ.

"އަޅުގަނޑުމެން އެދޭ ރާއްޖެ، މަގޭ ރާއްޖެ ހާސިލުކުުރުމަށް އެންމެގެ ވޯޓުވެސް އެބަ ޖެހޭ ރުކަށް ދޭން. މި ރުކަށް ވޯޓު ދީގެން ނޫނީ މި ރާއްޖެ ސަލާމާތް ކުރެވޭނެ އެއްވެސް ގޮތެއް ނެތް،" ޕީޕީއެމްގެ ލޯގޯގައި ހިމެނޭ ރުކަށް ނިސްބަތްކޮށް މުއާޒު ވިދާޅުވި އެވެ

އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިން އަންނަ ހޮނިހިރު ދުވަހު އަލުން ފެށުމަށް އިދިކޮޅުން މިހާރު ވަނީ ތައްޔާރުވެފައި އެވެ.

ޕީޕީއެމް އޮފީސްގައި އޮންލައިންކޮށް،"މަގޭ ރާއްޖެ-މަގޭ ވޯޓު ރުކަށް" ނަމުގައި ބާއްވާ އެ ޖަލްސާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އިދިކޮޅުގެ ކެންޑިޑޭޓުން އެ ޖަލްސާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.