03 Mar 2021, 15:36
"މާގޭ ރާއްޖެ-މަގޭ ވޯޓު ރުކަށް" ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކައުންސިލް އިންތިހާބު ކެމްޕޭން އަލުން ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އިންތިހާބު ރީ ލޯންޗިން ހަރަކާތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ޕީޕީއެމް/ޕީއެންސީ އިންތިހާބު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޯލިޝަނުގެ ކެމްޕޭން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ، އަލުން ކެމްޕޭން ފަށާ ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެ ރޭ އެޕާޓީ އޮފީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އެޗްޕީއޭގެ ގައިޑްލައިންްއާ އެއްގޮތަށް އިވެންޓް ކުރިއަށް ދާނީ. އަޅުގަނޑުމެންގެ ހުރިހާ ކެންޑިޑޭޓުން އިވެންޓުގައި ވާޗުއަލްކޮށް ބައިވެރިވާނެ،" މުއާޒު ވިދާޅުވި އެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވާހަކަ ދައްކަވަނީ --
މުއާޒު ވިދާޅުވީ، އެ ޖަލްސާގައި ރައްޔިތުންނަށް ދޭން ބޭނުންވާ ވަަރަށް މުހިންމު ވާހަކަތައް ހިއްސާކުރާނެ ކަމަށެވެ.
އިންތިހާބުގައި ހަމަހަމަކާމާއެކު ކެމްޕޭން ކުރުމަށް ފުރުސަތު ނެތް ކަމަށް އިދިކޮޅުން ބުނާ ބުނުން މުއާޒުވެސް މިއަދު ތަކުރާރު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، "ކޮންމެ ހާލެއްގައިވިޔަސް" އިންތިހާބުން ވާދަވެރި އެމްޑީޕީ ބަލި ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން އެދޭ ރާއްޖެ، މަގޭ ރާއްޖެ ހާސިލުކުުރުމަށް އެންމެގެ ވޯޓުވެސް އެބަ ޖެހޭ ރުކަށް ދޭން. މި ރުކަށް ވޯޓު ދީގެން ނޫނީ މި ރާއްޖެ ސަލާމާތް ކުރެވޭނެ އެއްވެސް ގޮތެއް ނެތް،" ޕީޕީއެމްގެ ލޯގޯގައި ހިމެނޭ ރުކަށް ނިސްބަތްކޮށް މުއާޒު ވިދާޅުވި އެވެ.
އިންތިހާބު އޮތީ އަންނަ މަހު 10 ވަނަ ދުވަހުއެވެ. އިދިކޮޅުން ކެމްޕެއިން ރީ ލޯންޗިން ހަރަކާތް ހޮނިހިރު ދުވަހު ބާއްވާއިރު، އެމްޑީޕީގެ ފަރާތުން މިހާރު ވަނީ ކެމްޕެއިން ފަށާފައެވެ.