ޝަރުތު ފުރިހަމަވާ ދިވެހިން ތިބި ވަޒީފާތަކަށް ބިދޭސީ މުވައްޒަފުން ނުނެގޭ ގޮތަށް ބޭރު މީހުން ވަޒީފާތަކަށް ގެނައުމުގެ ގަވާއިދަށް ބަދަލު ގެންނާނެ ކަމުގެ ޔަގީންކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ދެއްވައިފި އެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭންގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުން އިތުރުކުމަށާއި ވަޒީފާ ނެތް ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަށް ބޮޑެތި ޕްރޮގްރާމެއްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.

އެއީ އެގިނަ ތައްޔާރީތަކެއް ވެގެން ކުރެވެން އޮތް ކަމަކަށް ވާތީ ވޯލްޑް ބޭންކާއި ހަޔާ އެޑިއުކޭޝަން މިނިްސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ދިރާސާތަކެއް ކޮށްފައިވާނެ ކަމަށާއި އެންމެ ރަނގަޅު މުސާރަ ލިބޭ ވަޒީފާތައް މިހާރު ދެނެގަނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހާއްސަކޮށް ރިސޯޓުތަކުގެ، ވަޒީފާތަކަކީ ކޮބައިތޯ އާއި އަދި އެއަށް ބޭނުންވާ ޓްރެއިނިންގެ ކަންތައްތައް ނިމި މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ޓިވެޓް ޕްރޮގްރާމް ތެރޭ އެ މަސައްކަތް ކޮންމެސް ވަރަކަށް ފެށިފަ ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ވޯލްޑް ބޭންކް އެހީގައި އިތުރު ހުނަރުތައް ތަރައްގީކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި އެކައުންޓަންޓުންނާއި ޕްރައިވެޓް ސެކްޓާގެ ރިސޯޓުތަކުގެ ވަޒީފާއަށް ދިވެހިން ނެރުމަށް އިސްކަންދެއްވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓާގެޓް ހިފާފައި ވަނީ މަތީ ފަންތީގެ ނުވަތަ މިޑް މެނޭޖްމަންޓް ލެވެލްގެ ވަޒީފާތަކަށް ކަމަށެވެ. އެ މަސައްކަތް ކުރަނީ ޖޮބް ސެންޓަރު މެދުވެރިކޮށް ކަމަށާއި ޖޮބް ސެންޓަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށެވެ.

"ބޭރު މީހުން ވަޒީފާތަކަށް ގެނައުމުގެ ގަވާއިދަށް ބަދަލު ގެންނާނަން. އޭގެ މާނައަކީ ޖޮބް ސެންޓަރުގައި ވަކި ކަހަލަ ހުނަރުތަކެއް ހުރި ދިވެއްސަކު ރަޖިސްޓްރީ ވެފަ، ވަކި ކަހަލަ ވަޒީފާއެއް ބޭނުންވެފަ ހުރި ދިވެއްސަކު ހުރި ކަމަށް ވާނަމަ އަޅުގަނޑުގެ ވިސްނުން ހުރީ އެ ވަޒީފާއަށް ބޭރު މީހަކަށް ފުރުސަތެއް ނުދެވޭނޭ ދިވެއްސަކު ހުރިކަމަށްވާނަމަ. ދިވެއްސަކު ނެތް ކަމަށް ވާނަމަ ބިދޭސީއަކަށް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އެކަން ކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހެނީ "ސްކިލްޑް ފޯސް"އެއް އެކުލަވައިލުން ކަމަށެވެ.