ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ ވާދައިގެ ތައްޓަށް ކުޅޭ ހަތަރު ވަނަ އަންހެނުންގެ ވޮލީ މުބާރާތުގައި ނައިފަރު ޖުވެނައިލް ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއެކު ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ރޭ އަމިކާ ސްޕޯޓްސް ކުލަބާއި ވާދަކޮށް ޖުވެނައިލް އިން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓު ހޯދައިގެންނެވެ. މެޗްގެ ސެޓްތައް ޖުވެނައުލް އިން ގެންދިޔައީ 25-10، 25-10 އަދި 25-17 އިންނެވެ. މިމެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޖުވެނައިލްގެ އައިޝަތު ނާޒިމާ އެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބާއި އާއި ކުލަބް ޕީކޭ އެވެ.

ފަސް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ މޮޅު ޓީމެއް ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އަދި މުބާރާތުގެ އެންމެ މޮޅު ދެ ވަނަ ޓީމާއި ތިން ވަނަ ޓީމް ކުޅޭ މެޗުން މޮޅުވާޓީމެއް ދެ ވަނަ ޓީމެއްގެ ގޮތުގައި ފައިނަލަށް ދަތުރު ކުރާނެ އެވެ. މިމުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ ޕޮލިސް ކުލަބް، އަމިކާ ސްޕޯޓްސް ކުލަބް، ކުލަބް ވިޗެންޒާ، ޖުވެންލައިން ސްޕޯޓްސް ކުލަބު އަދި ކުލަބް ޕީކޭ އެވެ.