03 Mar 2021, 16:43
ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭނު ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު، ހެލްތު މިނިސްޓަރު އަހްމަދު ނަސީމާ އިހްތިރާމް ކުޑަކޮށް ވާހަކަދެއްކެވި ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެ އެވެ.
ޒޫމް މެދުވެރިކޮށް ރޭ ކުރިއަށް ދިޔަ ބައްދަލުވުމުގައި މިނިސްޓަރު ނަސީމަށް ވާހަކަދައްކަވަން ދެއްވި ފުރުސަތުގައި، ޓެކްނިކަލް މައްސަލައެއް ދިމާވެ، އެމްޑީޕީ އޮފީހުގައި ތިއްބެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް ނަޝީދަށް އަޑު ލިބޭގޮތް ނުވި އެވެ. ނަމަވެސް ޓީވީ އިން ބައްދަލުވުން ބަލަމުން ދިޔަ މީހުންނަށް މިނިސްޓަރުގެ އަޑު އިވެ އެވެ.
މިނިސްޓަރުގެ އަޑު ނީވޭތީ ރައީސް ނަޝީދު ވިދާޅުވީ ނަސީމްގެ މައިކް މިއުޓްވެފައިވާ ކަމަށެވެ. ނަމަވެސް ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މިއުޓް ނުވާ ކަމަށެވެ. އެއަށްފަހު ހިނިފުޅުވަޑުވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަ ދިމާވަނީ މިނިސްޓަރު ނަސީމާއި ރ. އަނގޮޅިތީމުން ވާހަކަދެއްކި ކެންޑިޑޭޓުންނަށް އެކަނި ކަމަށެވެ.
އެއަށްފަހުވެސް ހެލްތު މިނިސްޓަރުގެ އަޑު ލިބޭގޮތް ނުވި އެވެ. އެއްވެސް ބޭފުޅަކު ވާހަކަ ނުދައްކައި ދެތިން މިނެޓު ވީފަހުން ބައްދަލުވުން ހިންގަވަމުން ގެންދެވި ރައީސް ނަޝީދު ފުރުސަތު އެރުއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށެވެ.
"އަޅުގަނޑު އެދެން ކޮންމެސް ބޭފުޅަކު ނަސީމަށް ގުޅުއްވާފަ މިކަން ހިނގާގޮތް ކިޔާދެއްވުމަށް،" އަސްލަމްއަށް ފުރުސަތު އަރުއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ
ދެވަނަ ފަހަރަށް ހެލްތު މިނިސްޓަރަށް ފުރުސަތު ދިނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ފަހު އެވެ. މިނިސްޓަރު ނަސީމް ވަނީ ވާހަކަދައްކަން ފެއްޓެވުމުގެ ކުރިން ރައީސް ނަޝީދުގެ ފަރާތުން މައާފަށް އެދިވަޑައިގެންފަ އެވެ.
"ދެން ރެޔަކުން މިކަހަލަ މައްސަލައެއް ނުޖެހޭނެ ކަމަށް އުންމީދުކުރަން. އަބަދުވެސް މިކަހަލަ މައްސަލައެއް ޖެހޭތީ މި ދަންނަވަނީ އިނގޭތޯ. ޝުކުރިއްޔާ ވަރަށް ބޮޑަށް ތި ދެއްވާ ފުރުސަތަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އެއަށްފަހު އަނެއްކާވެސް މިނިސްޓަރުގެ އަޑު ލިބޭތޯ އެއްސެވި އެވެ. އެހެން އެއްސެވުމުން ރައީސް ނަޝީދު ރުންކުރު ގޮތަކަށް ނަސީމްއާ މުހާތަބުކުރެއްވި އެވެ.
"ނަސީމް ކުރިއަށް ގެންދަބަަލަ. ތިހެން ނާއްސަވަބައްލަވާ. އެއްސެވީމަ ލަސްވެގެން އެކޯވެގެންނޭ އަޑު އިވެނީ. އަޅުގަނޑުވެސް ހަމަ ދެން ކޮންމެސް ވަރަކަށް ނަސީމް..." އެހިސާބަށް ރައީސް ނަޝީދު ވިދާޅުވުމުން އެމަނިކުފާނުގެ މައިކު ކެނޑެ އެވެ.
މިނިސްޓަރު ނަސީމާ މެދު ރައީސް ނަޝީދު ބެހެއްޓެވި ރާގާމެދު ހިތްހަމަނުޖެހިގެން މިނިސްޓަރު ނަސީމްގެ އާއިލާ ބޭފުޅުން އަންނަނީ ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އުމައިމާ މުހައްމަދު ޓްވިޓާގައި ނުރުހުން ފާޅުކުރަމުން ބުނީ އެހާ ރުންކުރުކޮށް ނަސީމްއަށް ވާހަކަދައްކަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އުމައިމާގެ ދައްތަ އަދި މިނިސްޓަރު ނަސީމްގެ ކޮއްކޮ ސަލީމާ މުހައްމަދުވެސް ޓްވިޓާގައި އެކަމާ ނުރުހުން ފާޅުކުރި އެވެ.
ނަސީމްގެ އާއިލާ ބޭފުޅުންގެ އިތުރުން، ގިނަ ބަޔަކު އަންނަނީ ރައީސް ނަޝީދު، މިނިސްޓަރަށް މަލާމާތް ކުރައްވައި، އިހްތިރާމް ކުޑަވާގޮތަށް ވާހަކަދެއްވި ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.
އެގޮތުން ނަސީމަކީ ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި ސިޔާސީ ދާއިރާގައި މުހިންމު ބޭފުޅެއްކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އަދި ޓެކްނިކަލް މައްސަލައެއް ދިމާވުމަކީ ނަސީމްގެ ކުށެއް ނޫންކަމަށް ވެސް އަންނަނީ ފާހަގަކުރަމުންނެވެ.