02 Feb 2012, 17:51
އެވަޓަންގެ ފްރާންސް ފޯވާޑް ލުއިސް ސާހާ އާއި ޓޮޓެންހަމް ހޮޓްސްޕާގެ ސައުތު އެފްރިކާ މިޑްފީލްދަރު ސްޓީވަން ޕީނާ ކުލަބު ބަދަލުކޮށްފި އެވެ. ސާހާ ޓޮޓެންހަމް އާއި ގުޅުނު އިރު، ޕީނާ ގުޅުނީ އެވަޓަން އާއެވެ.
އުމުރުން 33 އަހަރުގެ ސާހާ އެވަޓަން އާއި އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ހަ މަސް ދުވަސް އޮތްއިރު، ޓޮޓެންހަމް އާއި އޭނާ މިގުޅުނީ ކުރު މުއްދަތަކަށެވެ. މިސީޒަނުގައި އެވަޓަން އަށް ކުޅުނު ވިހި މެޗުން ސާހާ އަށް އެކުލަބަށް ގޯލެއް ކާމިޔާބު ކޮށްދެވުނީ އެންމެ ދެ ފަހަރު އެވެ.
"ސާހާ މިގެނައީ އަހަރެން ބޭނުންވެގެން. ހަގީގަތުގައި ވެސް އޭނާ އަކީ މޮޅު ކުޅުންތެރިއެއް. އޭނާ އަކީ ގޯލު ކާމިޔާބު ކުރެވޭ، ހަލުވި ކުޅުންތެރިއެއް. އެވަޓަން އިން ސާހާ ދޫކުރީ އޭނާގެ އެއްބަސްވުން ހަމަވާން ކުޑަ ދުވަސްކޮޅަކަށް ވުމުން. އަހަރެން ހަނދާންވޭ މެންޔުނައިޓެޑްގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް، ސާހާ އާއި ބެހޭގޮތުން ބުނި ވާހަކަ. އޭނާ ބުނީ ސާހާ އަކީ އެންމެ މޮޅު ފޯވާޑު ކަމަށް." ޓޮޓެންހަމްގެ ކޯޗް ހެރީ ރެޑްނެޕް ބުންޏެވެ.
އެވަޓަން އަށް ކުރިން ކުޅުނު ޕީނާ އެކުލަބާއި އަލުން ގުޅުމުން އުފާކުރާކަން ފާހަގަކޮށްފައި ވެއެވެ. އުމުރުން 29 އަހަރުގެ ޕީނާ އެވަޓަން އާއި ގުޅުނީ ލޯނެއްގެ ދަށުންނެވެ.