10:00


ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ތިން ދުވަހު ގޭބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދިއުމަށް ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމް 15 ދުވަހުގެ ޖަލު ބަންދަށް ބަދަލު ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. އަދި އެކަށީގެންވާ ހެއްކާ ގަރީނާ ނެތި ނާޒިމް ތިން ދުވަހަށް ގޭބަންދު ކޮށްފައިވާތީ ވަގުތުން އޭނާ ދޫކޮށްލުމަށް ނާޒިމްގެ ގާނުނީ ވަކީލުން ހައިކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.


އިތުބާރު ހުރި ގޮތަކަށް ސަންއެފްއެމަށް އެނގިފައިވާ ގޮތުގައި ފުލުހުން ބޭނުންވަނީ ޖިނާއީ ކޯޓުގައި ވެސް އެމީހުން އެދިފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލިސްގެ ނައިބު ރައީސް އަދި ޕީއޭގެ ވެސް ނައިބު ލީޑަރު 15 ދުވަސް ވަންދެން ޖަލުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ.


ހަމަ މިއާއެކު އެކަށީގެންވާ ހެއްކާއި ގާރީނާ ނެތި ނާޒިމް ތިން ދުވަހަށް ގޭ ބަންދުކުރި މައްސަލާގައި، އޭނާ ގޭ ބަންދުން މިނިވަން ކުރުމަށް އެދި ނާޒިމްގެ ލޯޔަރުންގެ ޓީމުން މިއަދު ހައިކޯޓުގައި ވަނީ އެ މައްސަލަ އިސްތިއުނާފް ކޮށްފަ އެވެ.


ޖިނާއީ ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންގެ ފައުޖެއް ވަނީ ނާޒިމް ދިރިއުޅުއްވާ ގ. އާބިން އަށް ގޮސް ނާޒިމް ހައްޔަރުކޮށްފަ އެވެ. އަދި އެއަށްފަހު އެ ދުވަހުގެ މެންދުރުފަހު ތިނެއް ޖެހިއިރު ފުލުހުން ވަނީ ނާޒިމް ޖިނާއީ ކޯޓަށް ހާޒިރުކޮށްފަ އެވެ.


ބުރާސްފަތި ދުވަހު ތިނެއް ޖެހީއްސުރެ ޖިނާއީ ކޯޓުގައި ކުރިއަށްދިޔަ މި މައްސަލާގެ ޝަރީއަތުގައި ފުލުހުން ވަނީ ނާޒިމްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ މައްސަލާގައި ބޭނުންވާ ހެކި ހޯދުމަށް އޭނާ 15 ދުވަހު ޖަލުގައި ހައްޔަރުކުރުމުގެ ފުރުސަތަށް އެދިފަ އެވެ. އަދި ނާޒިމް ޖަލުގައި ބަންދުނުކޮށްފިނަމަ ހެއްކަށް ނުފޫޒު ފޯރުވައި، ހެކި ފޮރުވަން މަސައްކަތް ކުރުމުގެ އިތުރުން ފިލަން މަސައްކަތްކޮށްފާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިމައްސަލާގައި ބުރާސްފަތި ދުވަހުގެ ރޭ ޖިނާއީ ކޯޓުގައި އޮތް ޝަރީއަތުގައި ހުކުމް އިއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ނާޒިމްއަށް ވަޑައިގެންނެވޭ ގޮތަށް ތިން ދުވަހު ގޭގައި ބަންދުގައި ބަހައްޓައިގެން ފުލުހުންގެ ތަޙްޤީޤް ކުރިއަށް ގެންދިއުމަށެވެ.


ނާޒިމްގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތާއި ކޮރަޕްޝަންގެ މައްސަލައިގެ އިތުރުން ބަޔަކަށް ފައިސާ ދީގެން މި ސަރުކާރުގެ އިސް ބޭފުޅުންތަކަކަށް ހަމަލާދޭން އުޅޭ ކަމުގެ ތުހުމަތު. މި މައްސަލައިގައި ފުލުހުން ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައި ވަނީ ލީކުކޮށްލައިގެން އުޅޭ ފޯނު ކޯލްތަކުގެ އޯޑިއޯ އެވެ. ނަމަވެސް ޖިނާއީ ކޯޓުގެ ގާޒީ އަބުދުﷲ މުހައްމަދު ވިދާޅުވީ ގާނޫނާ ހިލާފަށް ހޯދައިފައިވާ ހެކިތަކަށް މައްސަލަ ނިންމެވުމުގައި ބައްލަވައިފައިނުވާ ކަމަށެވެ.