"ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ އެއާފޯސްގެ ސިއްހީ އެހީތެރިންގެ ޓީމެއް ރާއްޖެ ގެންނަން ނިންމައިފި އެވެެ.

ރައީސް އޮފީހުން ބުނީ، ބަންގްލަދޭޝް އެއާފޯސްގެ 23 މީހުންގެ ޓީމު ރާއްޖެ އަންނާނީ މިއަދު ކަމަށެވެ. އެ ޓީމުގައި ހިމެނެނީ 11 ނަރުހުންނާއި، 10 މެޑިކަލް އެސިސްޓެންޓުންނާއި އެނެސްތީސިއޮލޮޖިސްޓެއް ކަމަށާއި އެ މީހުން މަސައްކަތް ކުރާނީ ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ މީހުންނަކީ ރާއްޖޭގެ ވެކްސިން ފޯރުކޮށްދިނުމުގެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން އަންނަ ބައެއް ކަމަށާއި، އެ މީހުން މާލެ އާއި އަތޮޅު ތެރޭގެ ހޮސްޕިޓަލުތަކުގެ އިތުރުން ހެލްތު ސެންޓަރުތަކުގައިވެސް ހަރަކާތްތެރިވާނެ ކަމަށް ބުންޏެވެ.

ބަންގްލަދޭޝްގެ ސިއްހީ އެހީތެރިން ވެކްސިން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވުމުން، ރާއްޖޭގައި ދިރިއުޅޭ އެގައުމުގެ މަސައްކަތްްތެރިންނަށް ވެކްސިން ލިބިގަތުމަށް ފަސޭހަވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ ބިދޭސީ މަސައްކަތްތެރިން ހިމެނޭހެން ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ބަންގްލަދޭޝްގެ ސިއްހީ އެހީތެރިން ރާއްޖެ އަންނަނީ، ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިންނެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ބަންގްލަދޭޝް ސަރުކާރުގައި އެކަމަށް އެދިވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެއީ މިނިސްޓަރު ޝާހިދު ފެބްރުއަރީ 10 ވަނަ ދުވަހު އެ ގައުމަށް ކުރެއްވި ޒިޔާރަތުގަ އެވެ.

ލިޔެކިޔުންތަކާ އެކު، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އެޗްޕީއޭގެ ވެކްސިނޭޝަން ޕޯޓަލްގައި ރަޖިސްޓްރީވެގެން ވެކްސިން ސެންޓަރުތަކުން ވެކްސިން ޖެހެ އެވެ. ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖެހެނީ ރެޑް ކްރެސެންޓުގައި ރަޖިސްޓްރީވެގެންނެވެ.