02 Feb 2012, 17:48
ޓޮޓެންހަމް ހޮޓްސްޕާ އިން އެކުލަބުގެ ރަޝިޔާ ފޯވާޑް ރޯމަން ޕަވްލިޔުންޝެންކޯ ލޮކޮމޮޓިވް މޮސްކޯ އަށް 8 މިލިޔަން ޕައުންޑްގެ ފީއަކަށް ވިއްކާލައިފި އެވެ.
މިސީޒަން ފެށުނީއްސުރެ ޓޮޓެންހަމް އިން ޕަވްލިޔުންޝެންކޯ ވަކިވާން ބޭނުންވާކަން ހާމަކޮށްފައި ވެއެވެ. އެންމެ ފަހުން ޕަވްލިޔުންޝެންކޯ ބޭނުންވެފައިވާ ކަންތައް ފުރިހަމަ މިވީ ޖެނުއަރީ ޓްރާންސްފާ މުއްދަތުގެ އެންމެ ފަހު ދުވަހު އެވެ.
"ޓޮޓެންހަމް އާއި ލޮކޮމޮޓިވް މޮސްކޯ އާއި ދެމެދު އެއްބަސްވުމެއް ހެދިފައިވޭ. އެހެންކަމުން މިހާރު ޕަވްލިޔުންޝެންކޯ އަކީ ލޮކޮމޮޓިވް މޮސްކޯގެ ކުޅުންތެރިއެއް." ޓޮޓެންހަމް އިން ނެރުނު ބަޔާނެއްގައި ވެއެވެ.
ޓޮޓެންހަމް އަށް ޕަވްލިޔުންޝެންކޯ ކޮށްދިން ކަންތައްތައް ފާހަގަ ކޮށް އެކުލަބުގެ ކޯޗު ހެރީ ރެޑްނެޕް ވަނީ ޕަވްލިޔުންޝެންކޯ އަށް ޝުކުރު އަދާކޮށްފަ އެވެ.
"ސްޕާޓަކް މޮސްކޯ އިން 2008 ވަނަ އަހަރުގެ އޯގަސްޓް މަހު ޓޮޓެންހަމް އާއި ގުޅުނު ޕަވްލިޔުންޝެންކޯ މިކުލަބަށް ކުޅެދިން 113 މެޗުން 42 ގޯލު ކާމިޔާބު ކޮށްދީފައިވޭ. މިކުލަބަށް ޕަވްލިޔުންޝެންކޯ ކޮށްދިން ކަންތައްތަކަށް ޝުކުރު އަދާކޮށް، ކުރިމަގުގައި އޭނާ އަށް ކާމިޔާބީ ލިބުން އެދެން." ރެޑްނެޕް ބުންޏެވެ.
ޓޮޓެންހަމް އިން ޕަވްލިޔުންޝެންކޯ ދިޔަ ނަމަވެސް، އެކުލަބުން ވަނީ އެވަޓަން އަށް ކުޅެމުންދިޔަ ފްރާންސް ފޯވާޑް ލުއިސް ސާހާ ގެނެސްފަ އެވެ.