02 Mar 2021, 20:44
ޓްރީ ޓޮޕް ހޮސްޕިޓަލް 2018 ވަނަ އަހަރު ހުޅުވައި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް އާންމުންނަށް ފޯރުކޮށްދެމުން އަންނަތާ ތިން އަހަރު ފުރުނީ އެވެ. ކުޑަ ދުވަސްކޮޅެއް ނަމަވެސް، ގިނަ ބައެއްގެ ލޯބި ހޯދައިފި އެވެ. ޓްރީ ޓޮޕްއިން ވަނީ އެ ކުރު މުއްދަތުގެ ތެރޭގައި އާންމުންގެ އިތުބާރު ޔަގީންކޮށްފަ އެވެ.
ފާއިތުވެދިޔަ އަހަރަށް ކަޅި ހިންގާލާއިރު، ޓްރީ ޓޮޕްއިން އަހަރު ފެށީ ވަރަށްވެސް ރަނގަޅަށެވެ. ޓްރީ ޓޮޕްގެ ގެސްޓް ސާވިސަސް މެނޭޖަރު މުހައްމަދު ޒައުޝަން ވިދާޅުވާ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތް ދިނުމަށް ފުރަތަމަ އަމާޒުކޮށްފައިވަނީ ބޭސްފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް، ރާއްޖޭގައި ތިއްބަވައިގެން އާއިލާއާ ދުރަށް ނުގޮސް ދުނިޔޭގެ ފެންވަރުގެ ޒަމާނީ އަދި ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށެވެ. އަމާޒަކީ ބޭރަށް ދާންނުޖެހި ބައިނަލްއަގްވާމީ ފެންވަރުގެ ހިދުމަތްތަކެއް ރާއްޖޭގައި ފޯރުކޮށްދިނުމެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި ގިނަގުނަ އައު ހިދުމަތްތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ތައާރަފުކޮށްފަ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްތަކުގެ ތެރޭގައި އުރަމަތީގެ ހާއްސަ ކްލިނިކެއް ގާއިމުކުރުން، ނިދި ޓެސްޓް ކުރުމުގެ ހާއްސަ ކްލިނިކެއް ގާއިމުކުރުން، ޑްރަގް ޓެސްޓިން ހިދުމަތް ތައާރަފް ކުރުން އަދި އެރޯ މެޑިކަލް ޕެކޭޖްތަކާއި ހިޔަރިންގް އެއިޑްގެ ހިދުމަތްތަށް ހިމެނެ އެވެ. އަދި ހަމުގެ ބަލިތަކަށް ޖާއްސަ ޕެޗް ޓެސްޓިންގް އަދި އެންބާމިން ހިދުމަތް ފަދަ ރާއްޖެއަށް މުޅިން އައު ހިދުމަތްތައްވެސް ވަނީ ފަށާފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕޮލިސޮމްނޮގްރަފީ ޓެސްޓު (ނިދީގައި ދިމާވާ މައްސަލަތައް ދެނެގަންނަ ޓެސްޓު)-- ފޮޓޯ/ޓްރީ ޓޮޕް
ތިންވަނަ އަހަރީ ދުވަސް
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދުޅަހެޔޮ ސިއްހަތު ޕެކޭޖްތަކަށް ބޮޑު ޑިސްކައުންޓެއް ގެނެސް ރަނގަޅު އަގުތަކެއްގައި ފޯރުކޮށްދޭން ވަނީ ނިންމާފަ އެވެ.
އެގޮތުން މިހާރުވެސް ފިރިހެނުންނަށް ހާއްސަ "ވެލް މޭލް" ޕެކޭޖްގައި ހިމެނޭ ބޭސިކް މެޑިކަލް ޗެކްއަޕް ހެދުމާއި ލެބް އިންވެސްޓިގޭޝަންގެ ހިދުމަތްތަކުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި އަންހެނުންނަށް ހާއްސަ ދެ ޕެކޭޖު ކަމަށްވާ 18-35 އަހަރުގެ އަންހެނުންނަށް ހާއްސަ ޕެކޭޖާއި 35 އަހަރުން މަތީގެ އަންހެނުންނަށް އިތުރު ޓެސްޓުތަކެއް ހިމަނައިގެން ފޯރުކޮށްދޭ ދުޅަހެޔޮ ސިއްހަތު "ވެލް ވުމަން" ޕެކޭޖްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ތިންވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން "ހެލްތީ ލިވިން" ޕްކޭޖުތަކުން ވެސް ބޮޑު ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން ބޭނުންވެއްޖެނަމަ، އެ ޕެކޭޖްތަކުގެ ބޭރުންވެސް ކަސްޓަމް ހެލްތް ޗެކްއަޕް ޓެސްޓު ހެދުމުގެ ހިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދެ އެވެ.
ހާއްސަ އެނިވާސަރީ ޕެކޭޖްތައް ބޮޑު ޑިސްކައުންޓާއެކު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ ނިޔަލަށެވެ. އެ ޕެކޭޖްތަށް 3351610 އަށް ގުޅާލުމުން ބުކް ކުރެވޭނެ އެވެ.
މީގެ އިތުރުން ހިދުމަތް ހޯވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފޯނުން ބުކިން ހަދައި، ޕޭމަންޓް ދެއްކޭ ގޮތަށް ހާއްސަ ގެސްޓް ޕޯޓަލްއަކާއި ހިޔާލު ހޯދުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ފީޑްބެކް ޕޯޓަލްއެއް ވަނީ ތައާރަފްކޮށްފަ އެވެ. ކުރިއަށް އޮތްތާގައި އެ ދެ އޮންލައިން ހިދުމަތް އިތުރަށް ފުޅާކުރުމަށްވެސް ވަނީ ރާވާފަ އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އަހަރީ ދުވަހާއި ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ސީއެސްއާރް ޕްރޮގްރާމްތަކެއް ހިންގާނެ އެވެ. އެގޮތުން ޒުވާން މަސައްކަތްތެރިން ބިނާކުރުމަށް ހާއްސަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ތައާރަފް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިންކްލޫޝަން ކުރިއެރުވުމަށް މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމެއް މި މަހުގައި ކުރިއަށްދަން ރާވާފައިވާއިރު، އެމްއެންޔޫއާ ގުޅިގެން ނާސިންގެ އެޑިއުކޭޝަން ޕްރޮގްރާމެއްވެސް ކުރިއަށް ދެންދިއުމަށް ހަމަޖެހިފައިވެ އެވެ.
2020ގެ ތަޖުރިބާ
ގިނަގުނަ ދަތިތަކާ ކުރިމަތިވި މިދިޔަ އަހަރުގެ ތަޖުރިބާއާ ގުޅޭގޮތުން ޒައުޝަން ވިދާޅުވީ މާޗު މަހު ކޮވިޑް-19 ޕެންޑެމިކްގެ ކަންތައްތައް ފެށުމުގެ ކުރިން ހިދުމަތް ފުޅާކޮށް އިތުރު ހިދުމަތްތައް ދިނުމާއި އަދި ލިބުނު އާމްދަނީއަށް ބަލާއިރު އެ ދުވަސްކޮޅު ވަރަށް ރަނގަޅު ކަމަށެވެ.
"މާޗު ހިސާބުގައި ކޮވިޑް ކަންތައްތައް ފެށިގެން އެޅި ފިޔަވަޅުތަކާއެކު ބޮޑު ދަތިތަކެއް ކުރިމަތިލާންޖެހުނު. ހަވީރު ފަހަކުން ފެށިގެން ކާފިއު ހިންގަން ފެށުމާއެކު ވަރަށް ގިނަ އެޕޮއިންޓްމަންޓްތަކާއި ސާޖަރީތައް ކެންސަލް ކުރަން ޖެހުނު. އިނގިވަޑައިގަންނަވާނެ ފަދައިން ގިނަ ބޭފުޅުންނަށް ދަތުރުކުރުމަށް ވަރަށް ދަތިވި." އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހާއްސަ ފެސިލިޓީއަކަށް ހެދުމަށްޓަކައި ސަރުކާރާއެކު ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެނޭޖްމަންޓުން އޭރު ދިޔައީ މަޝްވަރާ ކުރަމުންނެވެ. މިގޮތަށް ގައުމީ ހިދުމަތަށް އެ ހޮސްޕިޓަލް ހާއްސަކުރުމަކީ މުޅިން ހިލޭ ފޯރުކޮށްދެވޭ އާންމު ހިދުމަތެއްގެ ގޮތުގައި ހޮސްޕިޓަލުގެ އިސްވެރިން ނިންމެވި އެވެ.
"އެކަމަށް ތައްޔާރުވަމުން އަޅުގަނޑުމެން އައީ. ރާއްޖޭގެ ޕޮޒިޓިވް ކޭސްތައް ވަކި ލެވެލްއަކަށް ދާ ހިސާބުން އެކްޓިވޭޓް ކުރާ ގޮތަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދިޔައީ. ހޮސްޕިޓަލަށް އެކި ބަދަލުތައް ގެނެސް، ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ ނިޒާމުތައް ގާއިމުކޮށް މުޅި ހޮސްޕިޓަލް ތައްޔާރު ކުރުމުގެ މަސައްކަތް އޭރު އޮތީ ފެށިފައި." ޒައުޝަން ވިދާޅުވިއެވެ.
އެ ދުވަސްވަރު އޯޕީޑީ ހިދުމަތް ހޯދާ މީހުން، ޑޮކްޓަރަށް ދެއްކުމުގެ 30 މިނެޓު ކުރިން ހޮސްޕިޓަލަށް އައުމަށް ޓްރީ ޓޮޕްއިން އިލްތިމާސްކުރި އެވެ. އެއީ އެ 30 މިނެޓުގެ ތެރޭގައި އޭރު އޮތް ހާލަތުގައި ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކަ އެވެ. އޭގެ ތެރޭގައި 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްފައިވޭތޯ ބެލުމާއި ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯ ބަލައި، ގައިގެ ޓެމްޕަރޭޗާ ބެލުން ފަދަ ކަންކަން ހިމެނެ އެވެ.

މިގޮތުން ހޮސްޕިޓަލުގެ ސްކްރީނިން ޕްރޮސެސް ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ ނަތީޖާއަކަށްވީ ހޮސްޕިޓަލްގެ ތެރެއިން ކޮވިޑްގެ ކޭސްއެއް ނުފެނުމެވެ.
އާންމުންނަށް ހޮސްޕިޓަލްތަކަށް ދެވޭނެ ވަކި ގޮތްތަކެއް ކަނޑައެޅުމާއެކު ޓްރީ ޓޮޕްއަށްވެސް މަޖުބޫރިވީ އެމަޖެންސީ ފަރުވާއަށް އެކަނި ހުޅުވާލުމަށެވެ. އެހެން ނަމަވެސް އެމަޖެންސީ ފަރުވާގެ ތެރެއިން ހަމައެކަނި މެޑިކަލް އޮފިސަރުންގެ ހިދުމަތް ދިނުމުގެ ބަދަލުގައި ސްޕެޝަލިސްޓުންނަށް ވެސް ދެއްކޭނެ ގޮތް އެ ހޮސްޕިޓަލުން އާންމުންނަށް ފަހިކޮށްދިނެވެ.
ކޮވިޑް ހޮސްޕިޓަލަކަށް ބަދަލުކުރުން
ކުރިން ރާވަމުންދިޔަ ގޮތަށް، ކޮވިޑް-19 އަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކަށް ޓްރީ ޓޮޕް ބަދަލުކުރީ 2020ގެ ރޯދަ މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް ޓްރީ ޓޮޕްއިން އާންމުންނަށް ދެމުންއައި ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށްޓަކައި އެހެން ގޮތްތަކެއް ވެސް ހޯދި އެވެ.
"އެމަޖެންސީ ހިދުމަތްތައް ދޭން ސަރުކާރާ ވާހަކަ ދައްކައިގެން ހުޅުމާލެ ހޮސްޕިޓަލުގެ އެއް އިމާރާތް ހޯދައި. ގާތްގަނޑަކަށް 20 ވަރަކަށް ކޮޓަރި ބޭނުންކޮށްގެން ހިދުމަތް ދެމުންއައީ. އެއީ މިސާލަކަށް ޑައިބެޓީސް، ޑައިލަސިސް އަދި ސާޖަރީއަށްފަހު ދައްކަން ޖެހޭ ފަރާތްތަކަށް ހިދުމަތް ދޭން ވެގެން. އެޕޮއިންޓްމަންޓް އުސޫލުގެ ބަދަލުގައި ހަމައެކަނި އިމަޖެންސީކޮށް ދައްކަން ޖެހޭ ފަރާތްތަކަށް ހުޅުވާލީ. ޓެލެ މެޑިސިންގެ ތެރެއިން ރިފާކުރާ ޕޭޝަންޓުންނާވެސް އެއްކޮށް." އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކަށް ބަދަލުކުރުމަށްފަހު ކުރިން އޮތް ހާލަތަށް ދިޔައީ ދެ މަސް ފަހުން، 2020ގެ ޖުލައި އެއްވަނަ ދުވަހުގަ އެވެ. އެހެން ނަމަވެސް އަލުން ހުޅުވާލައިގެން އެންމެ ފުރަތަމަ ދޭން ފެށީ ބައެއް ހިދުމަތްތަކެވެ. އަދި އާންމުންނަނަށް ހުޅުވާލުމުގެ ކުރިން ވަރަށް ބޮޑަށް އިންފެކްޝަން ކޮންޓަރޯލް ކުރުމުގެ ގޮތުން އަދި ސެނިޓައިޒޭޝަންގެ ގޮތުން މުޅި ހޮސްޕިޓަލުގެ ސާފުކޮށް ރައްކާތެރިކަން ޔަގީންކުރިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލް: ބަރާބަރަށް ޑިސްއިންފެކްޓްކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ
"ސަލާމަތީ ސަބަބުތަކަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓްވެގެން ހިދުމަތް ހޯދާ އިން-ޕޭޝަންޓުންނަށް ޒިޔާރަތް ނުކުރެވޭނެ މިހާރުވެސް. އަޅުގަނޑުމެން ހޮސްޕިޓަލު ރައްކާތެރިކުރުމުގެ އިތުރުން ވަރަށް ބޮޑަށް ސަމާލުކަން ދެން ބަލިމީހާ އާއި އެހީތެރިންގެ ސަލާމަތްތެރިކަން ޔަގީންކުރުމަށް. އެޑްމިޓް ކުރާއިރު، ދެ އެހީތެރިއެއް ވާނެ ރަޖިސްޓްރީ ކުރަން. އަދި އެހީތެރިންގެ ގޮތުގައި ތިބޭ މީހުންވެސް ދުވާލަކު އެއްފަހަރު ސްކްރީންކޮށް ޓެމްޕަރޭޗާ ބަލަން ޖެހޭ." ޒައުޝަން ވިދާޅުވި އެވެ.
ހުރިހާ ދަތިތަކާއި ފިޔަވަޅުތަކާއެކު ވެސް ޒައުޝަން ވިދާޅުވީ އެ ހޮސްޕިޓަލުގެ ހިދުމަތްތަކަށް އަދިވެސް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ.
"ކޮވިޑް-19ގެ ކޭސްތައް މަދު ނުވިޔަސް އަދި ސަލާމަތީ ފިޔަވަޅުތަކާއެކު ވެސް ޑިމާންޑަށް ބަދަލެއް ނާދޭ. މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުގެ ތެރެއިން ހޮސްޕިޓަލުގެ ތިރީގައި ހުންނަ ކެފޭވެސް ވާނީ ބަންދުކޮށްފައި. އެއީ ހޮސްޕިޓަލް ކައިރިއަށް އެއްވާ މީހުންގެ އަދަދު މަދު ކުރަން. މިކަހަލަ ފިޔަވަޅުތަކާއެކުވެސް އާންމުންގެ ތަރުހީބާ އެއްބާރުލުން ލިބެމުންދާތީ ވަރަށް އުފާވޭ." އޭނާ ވިދާޅުވި އެވެ.
ތިން އަހަރު ދުވަހުގެ ތެރޭގައި ގިނަ ހިދުމަތްތަކާއި ސްޕެޝަލިސްޓުން އިތުރު ކުރުމުގެ ނަތީޖާއަކަށްވީ ޓްރީ ޓޮޕް ހޮސްޕިޓަލަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުމެވެ. ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ހިދުމަތަކީ ވަރަށް ފެންވަރު ރަނގަޅު އަދި އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފޯރުކޮށްދޭ ހިދުމަތްތަކެވެ. އަދި ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ހިޔާލު ހޯދައި އޮންލައިންކޮށްވެސް ބަލައި، ފީޑްބެކް މައުލޫމާތު ނަގައި އެއީ ހަމައެކަނި ފުރާ ފޯމަކަށްވުރެ ބޮޑަށް ހިދުމަތް ރަނގަޅު ކުރަން ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ދެކެ އެވެ.
ކޮންމެ ހަފްތާއަކު އަދި ކޮންމެ ދުވަހަކު ވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ މެނޭޖްމަންޓުން އެކަމެއް ތަކުރާރު ނުވާނެ ހެން މަސައްކަތް ބައްޓަން ކުރަން ވަރަށް ބޮޑު އިސްކަމެއް ދެއެވެ. އަދި ކަސްޓަމަރެއް އެދޭ ކަމެއް އޮތިއްޔާ އެކަމެއް ކޮށްދެވޭނެ ގޮތެއް ހޯދައިދިނުމަށް މަސައްކަތްކުރާ ކަމަށް ވެސް ޓްރީ ޓޮޕްއިން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ މިހާރަށްވުރެވެސް ގިނަ ހިދުމަތްތަކެއް ފަށައި ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކުރަން ނުޖެހި ފުޅާ ދާއިރާއެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުން އާންމުން ބަލައިގަންނަ ސާވިސް އެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށެވެ.