ރީރަޖިސްޓްރޭޝަން ފޯމުގައި ފިންގާޕްރިންޓު ނުޖަހައި ކައުންސިލް އިންތިހާބަށް ރީރަޖިސްޓްރީ ކުރެވޭ ގޮތް ހަދަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ކޮވިޑް-19އާ ހެދި އޮންލައިން ފޯމެއް ފުރައިގެން ރީރަޖިސްޓްރީ ވެވޭ ގޮތް ހަދަން އިލެކްޝަންސް ކޮމިޝަނުން އޮތީ ނިންމައިފަ އެވެ. އެއްވެސް ވަރަކަށް މަކަރު ނެހެދޭނެ ގޮތަށް އެކަމަށް ހާއްސަ ސޮފްޓްވެއާއެއް ތައްޔާރުކޮށްފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ 2013 ވަނަ އަހަރުގެ 42 ވަނަ ނަމްބަރު ގަޒިއްޔާގައި ކަނޑައަޅާފައިވާ ގައިޑްލައިންގައި، ރީރަޖިސްޓްރޭޝަން ފޯމުގައި ރީރަޖިސްޓްރީވާން އެދޭ ފަރާތުގެ ފިންގާޕްރިންޓް އޮންނަންވާނެ ކަމަށް އޮތުމުން އެކަމަށް ވަނީ ހުރަސް އެޅިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު މިއަދު "ސަން"އަށް ވިދާޅުވީ، އެ މައްސަލަ ހައްލު ކުރަން އެ ކޮމިޝަނުން މިހާރު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑުުމެން ކޮމިޝަނުން މި ނިންމީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި ހުރި މައްސަލަތަކާ ގުޅިގެން މައްސަލަ ހުށަހަޅަން،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ހަފްތާ ތެރޭގައި މައްސަލަ ހުށަހެޅޭތޯ އީސީގެ ގާނޫނީ ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ 2013 ވަނަ އަހަރުގެ ގައިޑްލައިންގެ އެ ބައި އެއީ އަމަލު ކުރަން ނުޖެހޭ އެއްޗެއްގެ ގޮތުގައި ކަނޑައަޅައިދޭން އެދި އީސީއިން މީގެ ކުރިން ސުޕްރީމް ކޯޓަށް ސިޓީ ފޮނުވާފައިވާނެ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ހުކުމެއްގެ އެއްބައި ބާތިލު ނުކުރެވޭނެ ކަމަށް އެ ކޯޓުން ބުނެފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުމުގައިވެސް އީސީއިން ވަނީ އެ ގައިޑްލައިންގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެ ބައްދަލުވުމުގައި ވިދާޅުވީ އެ ގައިޑްލައިނަކީ މިހާރު ބާތިލު ގައިޑްލައިނެއް ކަމަށް މަޖިލީހުން ދެކޭ ކަމަށެވެ. އެއީ އޭގެ ފަހުން ކަމާ ބެހޭ ގާނޫނަކަ ބަދަލުގެނެސްފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ބާތިލު ގައިޑްލައިނެއް ކަމަށް ބުނެ ލިޔުމެއް ފާސް ކުރަން ބޭނުން ނަމަ އެކަންވެސް މަޖިލީހުން ކޮށްދީފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެ ހުކުމް ދެމިއޮތްހާ ހިނދަކު އެ ހުކުމުގައިވާ ގައިޑްލައިނަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުގެ ބަދަލުގައި ދުސްތޫރީ މައްސަލައެއް ވެއްދުމުގެ ހިޔާލު ފާޅުކުރެއްވި އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ.