މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކުވެސް ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް މިއަހަރު ވެސް ހުޅުވައިލައިފި އެވެ.

އިނާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މާޗް 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.

އެމްއެމްސީން ބުނީ މި އަހަރު އިނާމު ދިނުމަށް ނިންމާފައި ވަނީ 12 ދާއިރާއަކުން ކަމަށެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:

1. ތަހުގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)

2. ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ

3. ސިޔާސީ

4. ޝަރުއީ އަދި ގާނޫނީ

5. ވިޔަފާރިއާއި އިގްތިސޯދު

6. ކުޅިވަރު

7. ފޮޓޯ ޖާރނަލިޒަމް

8. ވީޑިއޯ ޖާރނަލިޒަމް

9. އޯޑިއޯ ޖާރނަލިޒަމް

10. ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް

11. ފީޗާ / ރިޕޯޓް

12. އެންމެ އުންމީދީ ނޫސްވެރިޔާ

ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އަދި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއަކީ މި އަހަރު މުޅިން އަލަށް އިނާމު ދިނުމަށް ނިންމާފައިވާ ދެ ދާއިރާ އެވެ.

އެގޮތުން ނިއުސް ގުރެގިކްސް އަދި އިލަސްޓްރޭޝަންސްގެ ދާއިރާ އަށް ހުށަހެޅޭނީ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި މީިޑިއާގައި ޝާއިއުކޮށްފައިވާ ގްރެފިކްސް އާއި ކުރެހުންތަކެވެ މި ދާއިރާއަށް ހުށަހެޅޭނީ އިންފޮގްރެފިކްސް، އިލަސްޓްރޭޝަންސް، ކެރިކެޗާ އަދި ކާޓޫން ފަދަ ވިޝުއަލްސް ކަމަށް އުސޫލުގައިވެ އެވެ. އެގޮތުން ފަސް އުފެއްދުން ހުށަހަޅަން ޖެހެ އެވެ.

އޯޑިއޯ ޖާނަލިޒަމަށް ހުށަހެޅެނީ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ޝާއިއުކޮށްފައިވާ އޮންލައިން ނިއުސް އޯޑިއޯ، ބްރޯޑްކާސްޓް އޯޑިއޯ އަދި އޯޑިއޯ ނިއުސް ޑޮކިއުމެންޓްރީ، ނިއުސް ޕޮޑްކާސްޓެވެ. މި ދާއިރާއަށް ޕޯސްޓްކޮށް، ބްރޯޑްކާސްޓްކޮށްފައިވާ ޕްރޮގްރާމް، ސްޓޮކް އޯޑިއޯ، އާކައިވް އޯޑިއޯ އަދި ހަމައެކަނި އިންޓަވިއު ހުށައެއް ނޭޅޭނެ ކަމަށް އުސޫލުގައިވެ އެވެ. އޯޑިއޯ ނިއުސް ޑޮކިއުމެންޓްރީ ހުށަހަޅާއިރުގައި ހުށަހަޅަން ޖެހެނީ 30 މިނަޓަށްވުރެ ދިގުނޫން ފަސް މިނަޓަށްވުރެ ކުރުނޫން އޯޑިއޯ އެވެ.

މިއަހަރު ކޮންމެ ނޫސްވެރިއަކަށް ވެސް އެ މީހަކު ކުރިމަތިލާން ބޭނުން ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ. މީގެ ކުރިން ނަމަ، ފީޗާ ދާއިރާ ފިޔަވާ ދެން ކުރިމަތިލެވޭނީ އެންމެ ދާއިރާއަކަށެވެ. މީގެ އިތުރުން މިފަހަރު ހުށަހަޅަން ޖެހެނީ އެންމެ ކޮޕީއެކެވެ.

އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންނެވެ. ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ވެސް ވަނީ އާންމުކޮށްފަ އެވެ.