ހަތަރު އަހަރާއި ބައިގެ މުއްދަތަކަށް ކްރޮއޭޝިޔާ ފޯވާޑް ނިކިކާ ޖެލަވިޗް އެވަޓަން އާއި ގުޅިފައިވާ ކަން އެކުލަބުން ކަށަވަރު ކޮށްދީފި އެވެ.

ޖެލަވިޗް ގުޅުނުކަން އެވަޓަންގެ ރަސްމީ ވެބްސައިޓުގައި ޝާއިޢު ކުރުމުގެ ކުރިން އޭނާ ވަނީ އެކުލަބާއި އެކު މެޑިކަލް ޓެސްޓުގައި ވެސް ބައިވެރިވެފަ އެވެ. ރާންޖާސްގެ ފޯވާޑް ލައިނުގައި އިސް ދައުރެއް އަދާކުރަމުންދިޔަ ޖެލަވިޗް ވަނީ އެކުލަބަށް ކުޅުނު 55 މެޗުން 36 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

"ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގައި ޖެލަވިޗް ސޮއިކޮށްފި. ކުލަބަށް އެންމެ ބޭނުންވާ ފަދަ ކާމިޔާބީ ހޯދައިދިނުމަށް ޖެލަވިޗް އަށް އެހީތެރިވެވިދާނެ ކަމަށް ގަބޫލުކުރެވޭ." އެވަޓަންގެ ވެބްސައިޓުގައިވާ ބަޔާނެއްގައި ވެއެވެ.

ޕްރެމިއާ ލީގުގައި ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރާކަމަށާއި އެވަޓަން އާއި އެކުވެސް ގިނަ ކާމިޔާބީ ތަކެއް ހޯދިދާނެ ކަމަށް ގަބޫލުކުރާކަމަށް ވެސް ޖެލަވިޗް ބުނެފައި ވެއެވެ.

"އެވަޓަން އާއި ގުޅުމަކީ އަހަރެންނަށް އެޅުނު ބޮޑު ފިޔަވަޅެއް. ޕްރެމިއާ ލީގުގައި ކުޅުމަށް ފުރުސަތެއް ލިބުމުން އަހަރެން މިހިރީ ވަރަށް އުފާވެފައި. މިކުލަބަށް ގިނަ ގޯލުތަކެއް ކާމިޔާބު ކޮށްދެވޭތޯ ބަލާނަން. އަދި މިކުލަބުގައި ހުރެ ގިނަ ކާމިޔާބީ ތަކެއް ހޯދޭތޯ ބުރަ މަސައްކަތެއް ކުރާނަން." ޖެލަވިޗް ބުންޏެވެ.

ޖެލަވިޗް އަކީ ޖެނުއަރީ ޓްރާންސްފާ ގައި އެވަޓަން އާއި ގުޅުނު ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. އެވަޓަން އިން ވަނީ ޑެރަން ގިބްސަން އާއި، ލެންޑަން ޑޮނަވަން އަދި ސްޓީވަން ޕީނާ ވެސް ގެނެސްފަ އެވެ.