އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރެޖިސްޓްރޭޝަންގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެ މުއްދަތުގައި ރަޖިސްޓަރީވާން ހުށަހަޅާނީ ހަތަރެއް އޭޕްރީލް 2020 ވީ ހޮނިހިރު ދުވަހު ބާއްވަން ނިންމައި ފަހުން ފަސްކުރި އިންތިހާބުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށް އިލެކްޝަންސް އިން ބުންޏެވެ.

ނަމަވެސް އެ އިންތިހާބުގައި ރިސޯޓްތަކާއި ޖަލުތަކާއި މެލޭޝިއާ ކުއަލަލަންޕޫރު އަދި އިނގެރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން، އޭޕްރީލް 10 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގި ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާތަނުގެ ގޮތުގައި ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެސް ހިމެނޭ ތަނެއްގަ އެވެ.

އެހެންކަމުން މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން ތަނަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލާން ރެޖިސްޓަރީ ކުރަންވާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުންނާއި އެސްއެމްއެސް މެދުވެރިކޮށް ވެސް ޗެކްކުރެވޭނެ އެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީހުންނެވެ. މާލޭ ސިޓީގައި ނަމަ، އިންތިހާބާ ބެހޭ މަރުކަޒު، ބާ ޖަމާލުއްދީން އިންނެވެ. ކޮމިޝަނުގެ ވެބްސައިޓުން ފޯނު ޑައުންލޯޑް ވެސް ހުންނާނެ އެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާގެ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ގަބޫލުކުރާނެ އެވެ.