02 Feb 2012, 17:45
ލޯނުގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާގެ ޑިފެންޑަރު ސަބެސްޓިއަން ބަސޯންގް ވޮލްވްސް އާއި ގުޅިއްޖެ އެވެ.
އުމުރުން 25 އަހަރުގެ ކެމަރޫން ޑިފެންޑަރު ބަސޯންގް ވޮލްވްސް އާއި ގުޅުމުން ހިތްހަމަ ޖެހޭ ކަމަށާއި އޭނާ ކުލަބާއި ގުޅުމުން ޑިފެންސް ލައިން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ވޮލްވްސްގެ ކޯޗު މިކް މެކްކާތީ ބުނެފައި ވެއެވެ.
"ބަސޯންގް ގުޅުމުން މިހިރީ ވަރަށް ހިތްހަމަ ޖެހިފައި. އޭނާ ގުޅުމުން ޑިފެންސް ލައިން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމާމެދު ޝައްކެއް ނެތް. އެއީ މޮޅު ޑިފެންޑަރެއް." މެކްކާތީ ބުންޏެވެ.
ބަސޯންގް އަކީ މިސީޒަނުގައި ނިމިގެންދިޔަ ޖެނުއަރީ ޓްރާންސްފާގައި ވޮލްވްސް އާއި ގުޅުނު ތިންވަނަ ކުޅުންތެރިޔާ އެވެ. އެކުލަބުން ވަނީ ލޯނުގެ ދަށުން އާސެނަލް އަށް ކުޅުމުންދިޔަ މިޑްފީލްޑަރު އެމަނުއެލް ފްރިމްޕޮންގް އާއި ހާޓްސްގެ އެގާޓް ޖޯންސަން ގެނެސްފަ އެވެ.
ވޮލްވްސް އަށް ލޯނުގެ ދަށުން ކުޅުންތެރިން ގެންނަކަމަށް ބޮޑަށް ބެލެވޭ އެއް މަގްސަދަކީ އެކުލަބު ޕްރެމިއާ ލީގުގެ ރެލިގޭޝަން ޒޯނުން ސަލާމަތް ކުރުމަށް ކަމަށް ގިނަ ރިޕޯޓްތަކުން ބުނަމުން ދެއެވެ.