ހައިކޯޓުން ކުރި އަމުރަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ކޯޓަށް ހާޒިރުނުކުރުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ހައިކޯޓުން ބުނެފި އެވެ.

އަބްދުﷲ ގާޒީއާ މެދު ފިޔަވަޅުއެޅުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރު ޖޭއެސްސީން އިސްތިއުނާފު ކުރި މައްސަލައިގެ ޝަރީއަތް ބޭއްވުމަށް މިއަދު ހަވީރު 3:00 އަށް އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކުރުމަށް ހަތަރު ވަނަ ފަހަރަށް މިއަދު ހައިކޯޓުން ނެރުނު އަމުރަށް ވެސް ފުލުހުން ވަނީ އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުނުކޮށްފަ އެވެ.

ސިފައިން އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުނުކުރުމުން ޝަރީއަތް ކެންސަލްވެއްޖެ ކަން އިއުލާންކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހައިކޯޓުގެ ފަނޑިޔާރު ޑރ. އަޒުމިރާލްދާ ޒާހިރު ވިދާޅުވީ މީގެކުރިން ތިން ފަހަރެއްގެ މަތިން އެ މައްސަލައިގެ ޝަރީއަތް ބޭއްވުމަށް އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކުރަން ސިފައިންގެ މައްޗަށް ކުރި އަމުރަށް ތަބާވެފައި ނުވާތީ އެކަމަށް ޖަވާބުދާރީ ވުމަށް މިއަދު ހަވީރު 3:00 އަށް ކޯޓަށް ހާޒިރުވުމަށް އެމްއެންޑީއެފްގެ މައްޗަށް އެ ކޯޓުން އަމުރެއް ނެރުނު ކަމަށެވެ. ނަމަވެސް އެމްއެންޑީއެފުން ވަނީ ކޯޓަށް ހާޒިރުނުވެފަ އެވެ.

އަޒުމިރާލްދާ ވިދާޅުވީ އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދީފައި ނުވާ އިރު އެކަމުގެ ސަބަބެއް ވެސް ސިފައިން ކޯޓަށް އަންގާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށާއި އެކަމާ ކޯޓުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޖޭއެސްސީންގެ ވަކީލު ވަނީ ހައިކޯޓުން އެ މައްސަލަ ނިމެންދެން ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބެލުން ހުއްޓާލުމުގެ ވަގުތީ އަމުރަކަށް އެދިފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެ އަމުރާ މެދު ގޮތެއް ނިންމަވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.